ދިވެހިރާއްޖޭގެ އިޤްތިސާދީ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދައުރު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ހާމަކުރައްވައިފިއެވެ.
ޝަރީފް މިކަން ހާމަކުރެއްވީ ހޮޓެލް ޖެންގައި ބޭއްވި ”އޭވިއޭޝަން ފޯރަމް 2026 – ކަނެކްޓިންގ މޯލްޑިވްސް“ ގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ”ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ“ މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން، އެމްޑީ ވިދާޅުވީ ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ކާގޯ އޮޕަރޭޝަންތަކުގެ އިތުރުން ވިޔަފާރީގެ އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
އެއަރޕޯޓުގެ ޚިދުމަތްތައް ޒަމާނީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަށުން ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް އަދި ބަޔޯމެޓްރިކް ފެސިލިޓޭޝަން ފަދަ ޚިދުމަތްތައް ތަޢާރަފްކުރުމަށް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުން، ސްމާޓް ސެކިއުރިޓީ ސްކްރީނިންގ އާއި މޮބައިލް ބޯޑިން ސޮލިއުޝަންތަކުގެ ސަބަބުން ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްގެ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރުކުރުމަށްޓަކައި ލައުންޖްތަކާއި، ރީޓެއިލް އަދި އެފްއެންޑްބީ ޚިދުމަތްތައް ފުޅާކުރުމަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާގެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިބްރާހީމް ޝަރީފްގެ ވާހަކަފުޅު ނިންމަވާލެއްވީ، އުމްރާނީ ތަރައްޤީއާއި ރޫޓް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކާއެކު، ވީއައިއޭ އަކީ ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ، ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

