އެމް.އޭ.ސީ.އެލް އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ގުޅިގެން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ އަލީ ހުޒައިމްގެ އިތުރުން އެ ކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ އިލްމީ މައުލޫމާތުތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ މުސްތަގުބަލުގައި ވަޒީފާގެ މާހައުލަށް ނުކުންނައިރު އެކަމަށް ދަރިވަރުން ފުރިހަމައަށް އަހުލުވެރިކުރުވުމެވެ.
މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުހިންމު އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ. އޭގެ ތެރޭގައި އެއަރޕޯޓް އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީގެ ދާއިރާތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ އެ ކުންފުނީގެ ”އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުސަތުތަކަކާއި ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އިންޓާންޝިޕް ޕްރޮގްރާމުގެ ސަބަބުން، ޢަމަލީ މައިދާނަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުއާމަލާތުކުރުމާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ދަރިވަރުންގެ ލޯ ފުރިހަމައަށް ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ދަރިވަރުންގެ ކެރިއަރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، މެންޓަރޝިޕް ދިނުމުގެ އިތުރުން، އަމަލީ މަސައްކަތުގެ މާހައުލު ތަޖުރިބާކުރުމުގެ އަގުހުރި އެތައް ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

