ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓުގެ ފަޅުގެ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ”ހާބަ ޕޯޓަލް“ގެ ނަމުގައި އާ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މި ޕޯޓަލް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމަށް ބޭނުންވާ ހުއްދަތަކަށް އެދި ހުށަހެޅުމުގެ ނިޒާމު ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މީގެ އިތުރުން، އުޅަނދުތަކުގެ ވެރިންނާއި، އޮޕަރޭޓަރުންނާއި، ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން މި ޕްލެޓްފޯމުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެއެވެ.
މި ޕޯޓަލް މެދުވެރިކޮށް އުޅަނދުތައް ރަޖިސްޓްރީކުރުމާއި ފަޅުތެރެ ބެލެހެއްޓުމުގެ ހުރިހާ މުއާމަލާތްތަކެއް ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ. އަދި އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަކުރުމުގައި އެ ކުންފުންޏަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ޕޯޓަލް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމަށާއި، ޕޯޓަލްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. މި މަސައްކަތުގެ ދަށުން އުޅަނދުތަކުގެ ވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރު ވަނީ ބާއްވާފައެވެ. އަދި ރަޖިސްޓްރީކުރުމުގައި އެހީތެރިވުމަށް ފަޅުވެރިންނާ ސީދާ މުއާމަލާތްކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލްއިން ދަނީ ކުރަމުންނެވެ.
އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ރަޖިސްޓްރީވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މަރުހަލާ އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ފަހު މަރުހަލާގައި ޕޯޓަލް ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުގެ ހިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ހުއްދައަށް އެދި ހުށަހަޅަންޖެހޭނެއެވެ.
މިއީ އެއާޕޯޓުގެ ކަނޑުދަތުރުފަތުރުގެ އޮޕަރޭޝަންތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

