މިދިޔަ އަހަރަކީ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ރެކޯޑު މިންވަރަކަށް މަސައްކަތް ކުރި އަހަރެއް ކަމަށް އެ ޔުނިޓުން ބުނެފިއެވެ.
ބައިނަލްއަޤުވާމީ ވިސްލްބްލޯވަރ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޔުނިޓުން ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެ ޔުނިޓުގެ އިސްވެރިން ވަނީ 2025 ވަނަ އަހަރަކީ އެ ޔުނިޓުގެ ތާރީޚުގައިވެސް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރުގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
ޔުނިޓުގެ ޑިރެކްޓަރުން ކަމަށްވާ ރިފްނާ ލަޠީފް އަދި ފާޠިމަތު ލަޠީފް ވިދާޅުވި ގޮތުގައި، އެ ޔުނިޓުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ނޭދެވޭ ކަންކަން ރިޕޯޓްކުރާ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި، އެފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ތަހުގީގުކުރުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުމުގެ މަސައްކަތް އެ ޔުނިޓުން ދަނީ ކުރަމުންނެވެ.
މި ނިޒާމުގެ ތެރެއިން މުއައްސަސާތަކުގައި ”ވިސްލްބްލޯވިންގ ކޮމިޓީ“ތައް އުފައްދައި، އިދާރާތަކުގެ އެތެރޭގައި ހިނގާ ކޮރަޕްޝަނާއި ނޭދެވޭ އަމަލުތައް ރިޕޯޓްކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 627 ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީތަކަށް ބޭނުންވާ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރަކީ އެންމެ ގިނަ މައްސަލަ ރިޕޯޓްކުރި އަހަރެވެ. އެގޮތުން 139 މައްސަލައެއް ހުށަހެޅި، އެ މައްސަލަތަކާ ގުޅިގެން ކޮމިޓީ ފެންވަރުގައި އާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަނީ ފިޔަވަޅުތައް އަޅާފައެވެ.
ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޯޓުތަކާއި، ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް އަމާޒުކޮށް ހިންގި ޕްރޮގްރާމްތަކުގައި 1,113 މީހުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ ވިސްލްބްލޯވަރ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ޒުވާނުންނަށް އަމާޒުކޮށް ބޭއްވި ލޯގޯ ފަރުމާކުރުމުގެ މުބާރާތާއި، ކުރެހުމުގެ މައުރަޒާއި، ކުއިޒް މުބާރާތްތައް ހިމެނެއެވެ. މި މުބާރާތުން ހޮވުނު ލޯގޯ މިހާރު ވަނީ ކެމްޕޭނުގެ ރަސްމީ ލޯގޯގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ހާއްސަ ރަސްމިއްޔާތެއް ބާއްވައި، ކައުންސިލް މެންބަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ސޯޝަލް މީޑިއާ ކެމްޕޭނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހުރިހާ ހަރަކާތްތަކެއްގެ މައިގަނޑު މަގްސަދަކީ ދެފުށް ފެންނަ، ޖަވާބުދާރީވަނިވި މުޖުތަމައެއް ބިނާކުރުމަށް ޓަކައި ބިރުވެރިކަމެއް ނެތި ނޭދެވޭ ކަންކަން ރިޕޯޓްކުރުމުގެ ސަގާފަތެއް އަށަގަންނުވައި، ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް އެ ޔުނިޓުން ހާމަކުރެއެވެ.

