ޗައިނާގެ މެދުތެރޭ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ނުވަަތަ ”ވުހާން ވައިރަސް“ މިހާރު ކިޔާ ގޮތުން ނަމަ ކޮވިޑް 19 ގެ ސަބަބުން ގިނަ ބަޔަކު މަރާ ހަނގުރާމަ ކުރަމުންދާއިރު އެތައް ލައްޖަ ބަޔަކު ވަނީ މި ބަލީގެ ޝިކާރައަކަށްވެފައެވެ. ޗައިނާ އިން ބޭރުން އެތައް ގައުމަަކުން، ރޯގާ ޖެހިފައިވާ މީހުން ވެސް ފެންނަލެއް މިހާރު ވަނީ ގިނަވާން ފަށައިފަ އެވެ. މިއަދު މި ކުޑަކުޑަ ދިވެހިރާއްޖެއަސް ވެސް މިވަނީ މި ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ހަނގުރާމަ ކުރަން ޖެހިފައެވެ.
މުޅިދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޯރޯނާ ވައޮރަސްއަކީ 1960 ވަނަ އަހަރުގެ ތެތޭގައި ދުނިޔެއަށް ފެތުރެންފެށި ވައިރަސްއެކެވެ/ ކޮރޯނާ ވައޮރަސްގެ އާއިލާގެ އެކި ވައްތަރުތައް ހިމެނޭކަން ކަމާއި ގުޅުހުންހުރި މާހިރުން ހާމަކުރެއެވެ. އެގޮތުން ސާސް،ރޯގާ ، މާސް ފަދަ ބަލިތަކަކީ ވެސް ކޮރޯނާ ވައިރަސްގެ އާއިލާއަށް ނިސްބަތްވާ ބަލިތަކެވެ. މިއަދު ދުނިޔެ ކުރިމަތިލަމުންދާ ނޮވެލް ކޮރޯނާ ވައިރަސްއަކީ ކޮރޯނާ ވައިރަސްގެ އާއިލާގެ ތެރެއިން މުޅިން އައު ވައްތަރެކެވެ. އައު ވައިރަސްއެކެވެ. އެހެން ކަމުން ގިނަ ގައުމުތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމަކު ވައިރަސް އަދިވެސް ފެތުރެމުން ދަނީ ވަރަށް ހަލުވިކޮށެވެ. ޗައިނާގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި އޭޝިއާގެ ގިނަ ގައުމުތަކަކަށް ވައިރަސް ފޯރައިފި އެވެ.
ކޮންމެއަކަސް މި ނުރައްކާތެރި ވައިރަސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް އައިސްފައިވާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ސަރުކާރުން މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މިފަދަ ހާލަތެއް ސަރުކާރުން އިއުލާން ކޮށްފައިވާއިރު މިފަދަ ހާލަތެއް އިއުލާން ކުރުމުގެ ބޭނުމާއި މިފަދަ ހާލަތެއްގައި ސަރުކާރުން ކަން ކުރާނެ ގޮތްތައް ރައްޔިތުންނަށް ސާފްވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އަޅުގަނޑުދެކެމެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެހިނދެއްގައި، އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމުގެ އިއުލާނުކުރުމަށާއި، އެ އިއުލާނު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރުމަށް ވަޒީރަށް ލަފާދެވިދާނެއެވެ. މިގޮތުން ވަޒީރަށް ޑިރެކްޓަރ ޖެނެރަލް ލަފާދީފިނަމަ، ވަކި ސަރަހައްދަކަށް، ވަކި ވަގުތަކަށް، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެއްޖެކަމުގެ އިއުލާނު ވަޒީރު ކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. އެގޮތުގެ މަތިން މިހާރު ދިވެހިރާއްޖޭގައި މިވަނީ30 ދުވަހުގެ މުއްދަތަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަޒީރު އިއުލާން ކުރުމަށް ފަހު ވަކި ކަހަލަ ހާއްސަ ފިޔަވަޅުތައް، ޑިރެކްޓަރ ޖެނެރަލް އަޅަންވާނެއެވެ. އެގޮތުން ބައްޔަކުން ރައްކާތެރިވުމަށްޓަކައި، ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގަން ޖެހޭނެއެވެ. ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުންހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސަން ޖެހޭނެއެވެ. ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމަށް އަމުރުނެރަން ޖެހޭނެއެވެ. ހަމައެހެންމެ ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެނޫޅުމަށް އެންގުމާއި، ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުމުގެ އިތުރުން އެއްގަމުމަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރަްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ހާލަތުގައި ކުއްލި ނުރައްކަލުގެ ބަޖެޓެއް އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. އެގޮތުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، ހަރަދުކުރުމަށް، ކޮންމެ އަހަރަކުވެސް، ވަކި އަދަދެއްގެ ފައިސާ، ދައުލަތުގެ ބަޖެޓުގައި ކަނޑައަޅަންވާނެއެވެ. މިގޮތަށް ކަނޑައަޅާ ފައިސާގެ މިންވަރު ކަނޑައަޅާނީ، އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެނަމަ، އެކަމާގުޅިގެން ކުރަންޖެހޭ ކަންކަމަށް ރިއާޔަތްކޮށް، އެކަންކަމަށް ހިނގާނެ ހަރަދުކަމަށް، ވަޒީރަށާއި ޑިރެކްޓަރ ޖެނެރަލަށް އިއްތިފާގުވެވޭ އަދަދެއްގެ މައްޗަށެވެ. އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްކަމުގައިވީނަމަވެސް، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުން ހަރަދުކުރުމަށް ކަނޑައަޅާ ފައިސާ، ދައުލަތުގެ އެހެން އެއްވެސް ހަރަދެއް ކުރުމަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.
އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ދިމާވާ ދަނޑިވަޅުތަކުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް ވަކިކަހަލަ މާލީ އެހީތެރިކަމެއް ވަކި ގިންތިއެއްގެ ބަޔަކަށް ދޭންޖެހޭކަމަށް ވަޒީރަށް ގަބޫލުކުރެވޭހިނދުގައި، އެ އެހީތެރިކަން، އެޖެންސީން ދެވިދާނެއެވެ. ނުވަތަ އެމީހުން އެކަމަށްޓަކައި ކުރި ހަރަދު، އެޖެންސީން އަނބުރާ އެމީހުންނަށް ދެވިދާނެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެފައިވާ ދަނޑިވަޅުގައި، ވަކި އިމާރާތެއް އެއީ، ކަރަންޓީނު ކުރުމުގެ މަރުކަޒެއްކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބޭތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށްޓަކައި، މީހެއްގެ އިމާރާތެއް ވަޒީރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެއެވެ. އަދި އެ އިމާރާތަކީ މީހުން ދިރިއުޅޭ ތަނެއްނަމަ އެ އިމާރާތުގައި ދިރިއުޅޭ މީހުންނަށް އެހެން ވަގުތީ ތަނެއް ހޯދައިދިނުމުގެ އިންތިޒާމް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ވަޒީރު ހަމަޖައްސަންވާނެއެވެ. އެގޮތުން ކުރެވޭ އަމުރުގައި، އެ އިމާރާތް ބޭނުންވާ މުއްދަތާއި އެ އިމާރާތް ބޭނުންވާ ސަބަބު، ސާފުކޮށް ރަނގަޅަށް ބަޔާންކުރަންވާނެއެވެ.
މީގެއިތުރުން ގާނޫނުގައި ބުނެފައިވާ ގޮތުގައި ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، ނުވަތަ އެ ސިއްހީ ނުރައްކަލަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ގެއްލުން ކުޑަކުރަންޖެހޭކަމަށް، ނުވަތަ އެ ނުރައްކަލުން ސަލާމަތްވާންޖެހޭކަމަށް، ނުވަތަ އެކަމުން ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ވާކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އަވަސްވެގަންނަންވާނެއެވެ. ހަމައެހެންމެ ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވާހިނދު، އެކަމާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް ލިޔުމުން އެންގުމަކީ، ވަގުތު އެކަމުގައި ފާއިތުވެދާނެ ކަމެއްކަމުގައިވާނަމަ، އެ ވަގުތަކު އަޅަންވީ ފިޔަވަޅުތައް އަނގަބަހުން އެންގުމުގެ އިހްތިޔާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި އުފެދޭ ނުވަތަ ދިވެހިރާއްޖެއަށް ތައާރުފުވާ އެއްވެސް ސިއްހީ ނުރައްކަލަކީ، ބައިނަލްއަގްވާމީ މުޖުތަމައަށްވެސް އެކަމުގެ އަސަރުކޮށްފާނެ ނުރައްކަލެއްކަމަށްވާނަމަ، ނުވަތަ ދިވެހިރާއްޖޭގައި އުފެދޭ ނުވަތަ ދިވެހިރާއްޖެއަށް ތައާރުފުވާ ސިއްހީ ނުރައްކަލެއްގެ މައުލޫމާތު، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން، ވާލްޑް ހެލްތް އޯގަނައިޒޭށަނަށް އަންގަންޖެހޭކަމަށްވާނަމަ، އެކަން ޑިރެކްޓަރ ޖެނެރަލް، ލަސްނުކޮށް ކުރަންވާނެއެވެ.
ގާނޫނުގައި ބުނެފައިވާ ގޮތޔގައި އެއްވެސް މީހަކު، އެމީހަކު ދިރިއުޅޭ ތަނެއްގައި، ނުވަތަ އެމީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ އިމާރާތެއްގައި ނުވަތަ ބިމެއްގައި ނުވަތަ ސަރަހައްދެއްގައި ނުވަތަ ތަނެއްގައި އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް ހިންގައިގެން ނުވާނެއެވެ. އެހެން ކަމުން މިއަދު މުޅި ދުނިޔެއަސް ކުރިމަތިވެފައިވާ މި ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އެއްވެސް ފަރާތަކުން އެއްވެސް ވަރަކަސް ފަރުވާ ކުޑަނުކުރުމަކީ މުޅި ގަުއު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމެއްކަން ޔަގީނެނެވެ،

