ސަރުކާރުގެ ނިންމެވުމަށް މަރުޙަބާކިއައި، އެމް.ޑީ.ޕީ ގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލުމަށް ނިންމައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާތަބުކުރައްވައި، ދެއްކެވި އިރުޝާދުތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ކިޔާ ކަމަށެވެ.
އެމްޑީޕީން ބުނީ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރެވިފައިވީހިނދު، މިހާހިސާބުން އެ ޕާރޓީގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައި، ކޮރޯނާ ވައިރަސް އާގުޅިގެން ރައްޔިޔުންގެ ކިބައިން ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެ ޕާރޓީގެ މެމްބަރުންނާއި އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތްކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން 4 އޭޕްރީލް ކަމަށް ކަނޑައަޅުއްވާފައި ވީނަމަވެސް، އެ އިންތިޚާބު ބާއްވާނޭ ދުވަސް ފަސްކުރައްވައި އޭޕްރީލް 18 ކަމަށް ހަމަޖައްސަވާފައިވުމުން ނުކުންނަ އެހެން ނަތީޖާއެއް އޮތްކަމަށް ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ 6 ދުވަސްކަމަށްވާތީ، މިއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޕާރޓީއަކީ ފުޅާ މިނެއްގައި ކެމްޕޭނުގެ ޙަރަކާތްތައް ހިންގައި، ރައްޔިތުންނާ ހަމައަށް ވާސިލުވެ، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެގޮތުން ފޯރުކޮށްދޭ މަޢުލޫމާތަށް ބިނާކޮށް ރައްޔިތުން ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ކެމްޕޭންކުރާ ޕާރޓީއަކަށް ވީހިނދު، ކެމްޕޭން ކުރުމަށްޓަކައި ދެންވެސް ޤާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރުކޮށްދެއްވައިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ވަނީ ގޮވާލާފައެވެ.

