ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ބަލި ވެއްޖެ ކަމަށާއި، މިހާރު ދެން ޖެހޭނީ އަލުން ފަށަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގދ. ގައްދޫގައި ބޭއްވި ޗެއާޕާސަން ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ސަރުކާރާއި އަދި މިއަދު ޕީއެންސީއަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ލޯކަލް އިންތިހާބުގައާއި، ފެންނަ ނުފެންނަ ވޯޓާއި އަދި ބައި އިލެކްޝަނުގައި ވެސް އިންތިހާއަށް ބަލި ވެފައިވާ ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ ރައީސް މުއިއްޒު ސިޔާސީ ގޮތުން ”ތިން ފަށް“ ވުމެވެ.
”އެމަނިކުފާނު މިހާރު އެހުރީ ތިން ފަށް ވެފައި. ތިން ފަށް ވީމާ ދެން ކަން ކުރާން ޖެހޭ ގޮތް އެންމެނަށްވެސް އިނގޭނެ. ދެން ޖެހޭނީ ފައިބާވަޑައިގަންނަވަން. ނުކުންނަވަން. ގެއިން ނުކުންނަވަން. މިހާރު އެމަނިކުފާނަކަށް އެ ގޮނޑީގައި އިންނެވުމުގެ އެއްވެސް ހައްގެއް އޮތް ކަމަކަށް އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިންނެއް ނުދެކޭ،“ ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒުއަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި މަގްބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިއީ ހަމައެކަނި ރައީސް ބަލިވުން ނޫން ކަމަށާއި މިއީ އެމްޑީޕީއަށް ތަކުރާރުކޯށް ތިން ފަހަރު ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ރޫހާއި ޖޯޝް ރާއްޖޭގެ ރަށްތަކުން މިހާރު ފެންނަން ފަށައިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މިސްރާބު މިހާރު ހުރީ 2028ގެ ރިޔާސީ އިންތިހާބަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމާއި ފުދުންތެރިކަން އިތުރުކުރުމަކީ އެ ޕާޓީން ގެންނަން ބޭނުންވާ އެންމެ މުހިންމު ބޮޑު ބަދަލު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

