ޗައިނާއިން އުފަންވެ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް، ރާއްޖޭގެ ބައެއް ފަތުރުވެރިކަމުގެ ރިސޯޓުތަކުން ފެނުނުއިރު ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 9 މީހުންނަކީ އިޓަލީވިލާތައް ނިސްބަތްވާ މީހުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސްގެ 13 ކޭސްއެއް މިހާތަނަށް ވަނީ ފެނިފައެވެ. އަދި ނަތީޖާ ނުލިބޭ 29 ސާމްޕްލް އެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިން އަށް ފަހު ޓެސްޓު ކުރެވުނު މީހުންނާއި ސަވައިލެންސް ޓެސްޓިންގެ ތެރޭގައި ނެގުނު ސާމްޕްލް ތަކެވެ. އެހެން ކަމުން، އެއީ މުޅިން އަދި ބަލީގެ އަލާމާތްތައް ހުރި މީހުންނެއް ނޫނެވެ.
މީގެ ކުރިންވެސް ނޫސްވެރިން ވަނީ، ރާއްޖެއަށް އެތެރެވުމަށްފަހު ސިމްޓޮމްތައް އާލާވެ ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ ގައުމު ހިއްސާކުރުމަށް އެދިފައެވެ. އެހެން ނަމަވެސް، އެ މައުލޫމާތުތައް ހިއްސާކުރުމަށް އިންކާރުކޮށް ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެ މީހުންގެ ގައުމުގެ މައުލޫމާތު ހާމަކުރުމަކީ އެއީ ޒާތީ މައުލޫމާތު ހާމަ ކުރުން ކަމުގައި ބެލެވޭ ކަމަށެވެ.
ރިސޯޓަކުން ފެންނަ ކޭސްއަކާއި އެކު، އޭނާގެ ގައުމު ހާމަކުރުމުން އޭނާއަކީ ކޮން އެއާލައިންއަކުން އައި ކާކުތޯ ހޯދުމަކީ މާ އުނދަގޫކަމަކަށް ނުވާނެއެވެ. އެކަން ފާހަގަކުރައްވާ، ކޮރޯނާގެ ސަަބަބުން ރާއްޖޭގެ ހާލަތު ބަޔާންކޮށްދިނުމަށް ކުރިޔަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގައުމުތައް ހާމަކުރުމަކީ އެއީ އުސޫލުތަކާއި ހިލާފު އަމަލެއް ކަމަށެވެ. އަދި އެ މައުލޫމާތުތައް ސަރުކާރުން ހަމައެކަނި ހިއްސާކުރަނީ އެ ގައުމެއްގެ އެމްބަސީއަށާއި އަދި އެ މީހުންގެ އާއިލާއަށް ކަމަށް ވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.
އެހެން ނަމަވެސް ނޫސްވެރިން ވަނީ އެ މައުލޫމާތުތައް ހިއްސާކުރެވެން އޮތް ގޮތަކަށް، ތަފާސްހިސާބުތައް ދިނުމަށް އެދިފައެވެ. އެގޮތުން މިއަދުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން މަބްރޫކް ވިދާޅުވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށް ކަމަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ފެނިފައިވާ ކަމަށެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.
އިޓަލީއަކީ، މިވަގުތަށް ބަލާއިރު އެންމެ ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމެވެ. އަދި ޗައިނާއަށް ފަހު އެންމެ ޕޮޒިޓިވް ކޭސްތައް ވެސް ގިނަ ގައުމެވެ. އަދި އެންމެ ޑެތް ރޭޓް ދެވަނައަށް ގިނައީ ވެސް އެ ގައުމުގައެވެ. އިޓަލީއިން މިއަދުގެ ހަވީރުގެ ނިޔަލަށް 24,747 މީހުން ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެ ގައުމުގެ 1,809 މީހަކު ވަނީ މަރުވެފައެވެ. އަދި 24000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 2,335 މީހުންނެވެ. މި ވަގުތުގެ ތަފާސް ހިސާބުތަކުން އެ ގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 1,672 މީހަކު ކްރިޓިކަލް ނުވަތަ ސީރިއަސްކަމަށް ދައްކައެވެ. އިޓަލީއިން ވައިރަސް ޖެހުނު މީހުންގެ ތެރޭގައި ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން ދުވަސް މީހުންނެވެ.
މަބުރޫކު އަޒީޒް ވިދާޅުވީ ރައްޖޭގައި ތިބި އެކި ގައުމުތަކުގެ ފަތުރުވެރިން އެމީހުންގެ ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި، އިޓަލީއިން އެކަނިވެސް މިއަދު 200 އަށް ވުރެ ގިނަ ފަތުުރެރިން އަލިޓާލިއާގެ ފްލައިޓަކުން ގައުމަށް ފޮނުވާލާނެ ކަމަށެވެ. އިޓަލީއަކީ ރާއްޖެއަށް މީހުން އައުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި 60.48 މިލިއަންގެ އާބާދީއެއް އޮތް އެ ގައުމު މި ވަގުތު މިހާރު ވަނީ ލޮކްޑައުންކޮށްފައެެވެ.
އްހީ މާހިރުންދަނީ މި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މުޅި ރާއްޖެ ނުވަތަ ތޮއްޖެހިފައިވާ ވެރިރަށް މާލެ ސިޓީ ލޮކްޑައުންއަކަށް ދިޔުމަށް ގޮވާލަމުންނެވެ.
މިހާތަނަށް ކޮރޯނާ ވައިރަސްއަށް ދުނިޔޭގެ އެކި ގައުމުތަކުން 171,887 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ވައިރަސްޖެހި 77,781 މީހަކު އެކީ ވަނީ ރަނގަޅުވެފައެވެ. މި ވައިރަސްގައި 6,526 މީހަކު ވަނީ މަރުވެފައެވެ.
ކޮރޯނާ ވައިރަސްއަށް މިވަގުތު ފަރުވާ ދެމުންދަނީ 87,580 މީހަކަށެވެ. އޭގެ ތެރެއިން، 5,937 މީހެއްގެ ހާލު ކްރިޓިކަލް ނުވަތަ ސީރިއަސްކަމަށް ދައްކައެވެ.
ނޯޓު: ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތު https://www.worldometers.info އިން ލިބޭނެއެވެ.

