ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރަމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބޮޑެތި ނިންމެވުންތަކެއް ނިންމަވައި ސަރުކާރުގެ އޮފީސްތައް އެއް ހަފްތާއަށް ބަންދު ކުރުމަށް ނިންވައިފިއެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަކު ކުރެއްވުމުގައި ނިންމެވި ކަންތައްތަކާއި ގުޅޭ ގޮތުން ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ތިން ކަމެއް ކުރުމަށް ކެބިނެޓްގެ މަޝްވަރާގެ މަތިން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ނިންމާފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފްތާއަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ދެ ވަނަ ނިންމުވުމެއްގެ ގޮތުގައި އޮފިޝަލް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ނިންމުމެވެ. އަދި ތިން ވަނަ ނިންމެވުމެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެއް ބިލިޔަން ރުފިޔާ ސަލާމަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މުސާރަތަކަށް ބަދަލު ގެނައުމާއި އަދި ހަރަދު ކުޑަކުރަން ޖެހޭ ދާއިރާތައް ހޯދައި އެ ނޫން ވެސް އެކިއެކި ގޮތްގޮތުން އެއް ބިލޔަން ރުފިޔާ ސަލާމަތް ކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.
އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮރޯނާވައިރަސްއާއި ގުޅިގެން މުހިންމު ނިންމުންތަކެއް ރައީސް ސާލިޙް ނިންމަވާފައިވާއިރު ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން ބޭއްވި ސާކް ގައުމުތަކުގެ އިސް ލީޑަރުންގެ ވީޑިއޯ ކޮންފަރެންސްގައި ރައީސް ސާލިޙް ވިދާޅުވީ މިހާރު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ދިވެހިރާްޖެއަށް ލިބޭ އާންމުދަނީ ދަށްވެއްޖެނަމަ ކޮރޯނާ ވައިރަސް ހުއްޓވުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓްކުރާ މުދަލަށް ބަރޯސާކުރާ ގައުމަކަށް ވާތީ، ރާއްޖެއަަށް ލިބޭ ބޭރު ފައިސާގެ އަދަދު މަދުވެއްޖެ ނަމަ ރާއްޖެއަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އާމްދަނީ ދަށްވުމަކީ ކޮވިޑް-19 ހުއްޓުވަން ކުރާ މަސަައްކަތަށް ވެސް ހުަރަސްތައް އެޅޭނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ސާކްގެ ގައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެކުލަވާލާ ޕްލޭންގައި މައިގަނޑު ތިން ކަމެއް ހިމެނުމަށް އެދިވަދައިގެންފައެވެ. އެގޮތުން ހިމަނަން ޖެހޭ ފުރަތަމަ ކަމަކީ ސަރަހައްދީ ގައުމުތަކުގެ ހެލްތު އެޖެންސީތައް ގުޅިގެން މަސައްކަތްކޮށް، މައުލޫމާތު ބަދަލުކުރުމުގައި ހުރަހެއް ނެތްކަން ކަށަވަރުކުރުން ކަމަށާއި ދެވަނަ ކަމަކީ އިގުތިސާދީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ލުޔެއް ދިނުމުގެ ޕެކޭޖެއް އެކުލަވައިލުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތިން ވަނަ ކަމެއްގެ ގޮތުން، ކޮވިޑް-19 އާ ހަނގުރާމަކުރުމުގެ ތަފްސީލީ ސްޓްރެޓެޖީއެއްގައި، ދިގުމުއްދަތުގެ ރިކަވަރީ ޕެކޭޖެއް ހިމެނެންވާނެކަމަށްރައީސްވިދާޅުވިއެވެ.

