ނުރައްކާތެރި ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވައިރަސް ފެނިފައިވާއިރު ވެރިރަށް މާލެ ސިޓީއިން ވައިރަސްއަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ”ކަނޑައެޅިގެން ދޮގެއް“ ކަމަށް މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން އެތައް ދޮގު ހަބަރުތަކެއް ފަތުރަމުންދާއިރު އެކަންކަން ހުއްޓުވުމަށް އާއްމުން ދަނީ ގޮވާލަމުންނެވެ. ވައިރަހަށް ޝައްކުވާ މީހުން ލޮކޭޓު ކުރެވި އެ މީހުން ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ސަރުކާރުން އެ މައުލޫމާތުތައް މީޑިއާތަކަށް ހިއްސާ ކުރެއެވެ. އަދި ގަވައިދުން ޓްވީޓުކުރެއެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދިޔަ އެތައް ދިވެހިންނެއް އެނބުރި ގައުމަށް އައިސްފައިވާއިރު އޭގެ ތެރެއިން ވެސް އަލާމާތަކެއް ހުރި ދިވެހިން ޓެސްޓުކޮށްފައިވެއެވެ. އަދި މިހާތަނަށް ޓެސްޓު ކުރި އެންމެންގެ ނަތީޖާތައް ވަނީ ނެގެޓިވްވެފަައެވެ.
ވައިރަސްއާއި ގުޅިގެން، ސަރުކާރާއި ދެކޮޅު ފަރާތްތައް މި މައުޟޫ ހަތިޔާރަކަށް ހަދާ ތަފާތު އެކި ވާހަކަދައްކަމުންދާތީ އެކަން ހުއްޓުވުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. އަދި ސަރުކާރުން ކަންކަން އާއްމުންނަށް ފޮރުވަމުންދާކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ބްރޯޑްކާސްޓަކުން ވަނީ ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވްވެފައިވާކަމަށް ބުނެ އެ ވާހަކަ ލައިވް ޕްރޮގްރާމްގައި ދައްކާފައެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެގެން ދިޔައެވެ.
އެ ވާހަކަތަކާއި ގުޅިގެން މަބްރޫކް ވިދާޅުވީ ސަރުކާރުން އެއްވެސް ކަމެއް ފޮރުވާފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަށް އޭނާއަށް އަންގާ ދުވަހަކު އެ ގޮނޑީގައި މައުލޫމާތު ދޭން ނުހުންނާނެ ކަމަށެވެ.
ދިވެހިންތަކެއްވެސް މި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކަން ސަރުކާރުން ސިއްރުކޮށްފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުގައި މަބުރޫކު ވިދާޅުވީ، މިއީ ދޮގު ވާހަކަތައް ފަތުރަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި އެންމެ މުހިންމީ ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދިނުންކަމުގައިވާއިރު ކޮންމެ ދުވަހަކު ދެ ޕްރެސް ބާއްވާ ނޫސްވެރިން ކުރާ ސުވާލުތަކަށް ވަކިންވެސް ޖަވާބުދެއްވާ ކަމަށެވެ.
”އަޅުގަނޑު އަނެއްހެން ކުރާނެ ކަންތައް މަދުވެގެނެއްނޫން ތިޔަ ބޭފުޅުންނާ ދުވާލަކު ދެ އިރު ބައްދަލުކުރަނީ. ހަމަ މީގެ އިތުރުން ކުރާ އޮފީސް މަސައްކަތްތައްވެސް ކުރަންޖެހޭ. އެކަމަކު މިކަން ކުރަނީ ގަޑިން ގަޑިއަށް މައުލޫމާތު އަރުވަން،“ މަބުރޫކް
މަބްރޫކް ވަނީ، މާލެ ތެރެ ކުއްލިގޮތަކަށް ހަލަބޮލިވެ ފިހާރަތަކުން ގަނޑުކޮށް އެއްޗެއްހި ގަންނަ ހިސާބަށް ދިޔަ ވާހަކަ ވެސް ފާހަގަކުރައްވާފައެވެ. އެހެން ކަމުން ކަށަވަރުނުވާކަންކަން ނުފެތުރުމަށް މަބްރޫލް އިލްތިމާސްކުރެއްވިއެވެ. މަބްރޫކް ވިދާޅުވީ މިއީ ސިޔާސީ ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި ބިރުވެރިކަމާއި ހާސްކަން އުފެއްދުމަކީ، އެންމެ ބިރުވެރިއެކަންގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
”ހުރިހާ އެންމެން ހާސްކަމެއްގެ ތެރޭގައި. ފިހާރަތައް ތޮއްޖެހިފައި. އެގޮތް މިގޮތަށް މީހުން ތެޅި ފޮޅިގަތީ ހަމަ އެއްވެސް ތެދެއްނެތް ވާހަކައެއް މާލެ ތެރޭގައި ފަތުރަން ހަދައިގެން، މަބުރޫކް
ދިވެހި މީހަކު ވައިރަސްއަށް ޕޮޒިޓިވްވީ ކަމަށް ބުނެ ފެތުރި އެ ވާހަކައާއި އެކު ވަރަށް ގިނަ ބަޔަކު އެކަމަށް ޕެނިކްވެގެން ދިޔައެވެ. އަދި އެކަން ކުއްވެރިކޮށް ބްރޯޑްކޮމް ކޮބައިތޯ ބުނެ ސުވާލު އުފެއްދި މީހުންވެސް ގިނައެވެ.
މީޑިއާތަކަށް ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި ޒިންމާދާރުވާންޖެހޭނީވެސް އެ މީޑިއާއެއް އަމިއްލައަށް ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު މިއީކީ އެކަން“ ކުރަން އެންމެ ރަނގަޅު ވަގުތު ހެންނެއް އަޅުގަނޑަކަށް ހަމަ ހީއެއްނުވޭ. މިއީދެން އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ހެނެއް ހިއެއް ނުވޭ އަޅުގަނޑަކަށް. އަޅުގަނޑު އަމިއްލައަށްވެސް ގުޅާފައި ބުނިން މި ވަގުތު ތަންކޮޅެއް ޓޯން ޑައުންކޮށްލާފައި ސީދާ މިކަމަށް ފޯކަސް ކުރަން. އެހެން ކަންކަމުގެ ވާހަކަ ދައްކާނެ ގޮތަކަށް ދައްކަންވީ ދައްކަން ބޭނުން ބަޔަކު. އެއީ އެ މީޑިއާގެ ޗޮއިސްއެއް. ދެން އެ މީހުންނާ މި ރާއްޖޭގެ ގަވައިދުތަކުގެ ތެރެއިން ހިނގަން ޖެހޭ ކަންކަން ހިނގާނެ،“ މަބްރޫކް
ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން ކޮންމެ ދުވަހަކު ދެ ޕްރެސްކޮންފަރެންސް އެއް ބާއްވައެވެ. އަދި މައުލޫމާތުތަކެއް ފޯރުކޮށްދޭއިރު ޕްރެސްއަށްފަހު ވެސް މަބްރޫކް ނޫސްވެރިންގެ ސުވާލުތަކަށް ވަގުތު ދެއްވައެވެ. އަދި އެކަން ގިނަ ނޫސްވެރިން ވެސް ފާހަގަކުރެއެވެ.
ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވެފައިވަނީ ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.
ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.
https://twitter.com/mabrouq/status/1240587649443753985

