ވަޒީފާއިން ވަކިކޮށް ބިރު ދެއްކުމަކީ ބަލިކަށިވެ ނިކަމެތިވަމުންދާ ސަރުކެރެއްގެ ފަރާތުން ފެންނާނެ ސިފަތައްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އޮތް އެންމެ ފުރަތަމަ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއްގައި ވަނީ ސަރުކާރާއި ދެކޮޅަށް ސީދާ ހަރަކާތަށް ނިކުތުމަށް ހުށަހަޅާފަ އެވެ.
ގަރާރުގައި ބުނެފައި ވަނީ، އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓްތައް ވެސް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ދައުލަތަށް ލާޒިމުކުރާ މިފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ އިރު، ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން 2025 އަށް ނިންމަންޖެހޭ މަސައްކަތްތައް ނުނިމޭނެތީ، ގާނޫނަށް ބަދަލު ގެނެސް އެ މުއްދަތު 2027 އަށް ދަންމާލާފައިވާކަމަށް ގަރާރުގައި ވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރުން ފަދަ ކަންކަން އެއްވެސް އުސޫލެއް ނެތި ކުރަމުންދާކަމަށް ގަރާރުގައި ވެއެވެ. އަދި ބުނެފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ބޭނުންހިފާ ރައްޔިތުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަން ފަށާފައިވާކަމަށެވެ.
މި ގަރާރުގެ ބަހުސްގައި ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އޮތީ ވަރަށް ބޮޑުތަނުން ބަލިވެ، ގޮތްހުސްވެފައި ކަމަށެވެ. އަދި ސަރުކާރުން ކުރިމަތިކުރާ ބިރުދެއްކުންތަކަށް އިދިކޮޅު އެމްޑީޕީން ބޯނުލަނބާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މުޅި ޕާޓީ ގަރާރުގެ ފަހަތުގައި ސާބިތުވެ އޮވެ، ވަރުގަދަ ހަރަކާތްތަކެއް ފަށަން ޖެހިފައިވާ ކަމަށެވެ. އަދި މި ސަރުކާރަކީ ނާގާބިލް ސަރުކާރެއްކަމަށް ތަކުރާރު ކުރެއްވި އެވެ. އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ހުރިހާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު އެ ޕްރޮޖެކްޓުތަކަށް ހޭދަކޮށްފައި ވަނީ ރައްޔިތުންގެ ޓެކްސް ފައިސާކަމަށް ޝާހިދު ވިދާޅުވި އެވެ.
ކޮންމެ ސަރުކާރެއްވެސް ގޮތް ހުސްވެ ބަލިވާން ފެށީމާ ދެން ނުކުންނާނީ ރައްޔިތުންގެ އަތްގަމަތީގައި މަލަން އެޅުމާ، ރައްޔިތުން ހިފާ ހައްޔަރު ކުރުމާ، ރައްޔިތުންނަށް ބިރު ދެއްކުމާ، ވަޒީފާއިން ވަކިކުރުމާ.
ޝާހިދު ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން ހުއްޓިފައިވާ މި މަޝްރޫއުތައް އަލުން ފަށައި، ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަމުން ސަލާމަތްކޮށްދިނުމަކީ އެމްޑީޕީގެ މައްޗަށް އޮތް ލާޒިމެއް ކަމަށެވެ.
ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރުދައްކަމުންދާކަމަށް ތުހުމަތު ކުރައްވަމުން ޝާހިދު ވިދާޅުވީ، ކޮންމެ ސަރުކާރެއް ވެސް ގޮތްހުސްވެ ބަލިވާން ފެށުމުން ރައްޔިތުން ހިފާ ހައްޔަރުކުރުމާއި، ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ތަކުރާރު ވާނެ ކަމަށެވެ. ނަމަވެސް، މީގެ ކުރިން ޕީޕީއެމްއާއި، އަދި މިހާރު ޕީއެންސީގެ ސަރުކާރުން ކުރާ މިފަދަ އެއްވެސް ކަމަކަށް އެމްޑީޕީން ބޯނުލަނބާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

