ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތަކުގެ މައްސަލަތައް ފާހަގަކޮށް ކަރެކްޝަންސްގެ އިސް ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖޭގެ ޖަލުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި، އެ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ކަރެކްޝަންސްގެ އިސް ފަރާތްތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

އިއްޔެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ، ޖަލުތަކުގެ ހާލަތާމެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ޖަލުތަކުގެ ނިޒާމު އިސްލާހުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދިޔަނަމަވެސް، ހައްލުނުކުރެވި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ސިޓީގައި އެކަންކަން ފާހަގަކުރެއްވިއެވެ.

އެ ސިޓީގައި އޭނާ އެދިވަޑައިގަތީ ކަރެކްޝަންސްގެ އިސް ބޭފުޅުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށެވެ. އަދި ކޮމިޓީގެ ބޭފުޅުންނަށް ޖަލުތަކަށް ޒިޔާރަތްކުރައްވައި ހާލަތު ބެއްލެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށެވެ.

މެމްބަރު ކުޑޫގެ ސިޓީގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި، ޖާގައަށް ވުރެ އިތުރަށް ގައިދީން ގޮޅިތަކުގައި ބަހައްޓަން ޖެހުމުން ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާކަން ހިމެނެއެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބުން ކުދި ކުށްތަކުގައި ޖަލަށް ލާފައި ތިބި މީހުން ވެސް ބޮޑެތި ކުށްތަކުގައި ޖަލުގައި ތިބި މީހުންނާ އެއްކޮށް ބައިތިއްބަން ޖެހުމުން ކުދި ކުށްތަކުގައި ޖަލަށްލާ މީހުން ވެސް ބޮޑެތި ކުށްތަކަށް އަހުލުވެރިވުމުުގެ ނުރައްކާ އޮތްކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ގައިދީން ބަލިވުމުން އެކަށީގެންވާ އަވަސްމިނެއްގައި ހާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި ބޭސްފަރުވާގެ ކަންކަން ހަމަނުޖެހޭކަމުގެ ޝަކުވާ އާއިލާތަކުން ކުރާ ކަމަށާއި، ޖަލު އޮފިސަރުން ގައިދީންގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވާކަމުގެ ޝަކުވާ ވެސް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައިދީންނަށް އެއްވެސް އުސޫލެއް ނެތި ބާރުގަދަ ނަފްސާނީ ބަލިތަކުގެ ބޭސްތައް ދެމުންދާ ކަމާއި ބައްޔަށް ބެލުމަށް ނެތި ތަދުކަނޑުވާ ބޭސް ވެސް ދެމުންދާކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށް ވިދާޅުވިއެވެ.

ޓީބީ ފަދަ ބަލިތައް ޖެހިފައިވާ ގައިދީން ވަކިން ބޭތިއްބޭނެ ގޮތެއް ނެތުމުން އެހެން ގައިދީން ވެސް އެ ބަލީގެ ނުރައްކަލަށް ހުށަހެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ ބަލި ތަހައްމަލުކުރާ ގައިދީނަށް އެކަށީގެންވާ ފަރުވާ ދެވޭނެ އިންތިޒާމު ނެތުމުން އެ މީހުންގެ ބަލި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޝަރީއަތް ނިމެންދެން ”ވާނުވާ“ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ގައިދީންނާއި އެ މީހުންގެ އާއިލާތަކަށް ބޮޑެތި ނަފްސާނީ އަދި އިޖުތިމާއީ ދަތިކަމާ ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން، ކުށް ސާބިތުވެ އަދަބު ލިބެމުންދާ ގައިދީންނާ އެއް ހާލަތެއްގައި ގިނަ ދުވަސްތަކެއް ތިބެންޖެހޭކަން ފާހަގަކުރެއްވިއެވެ.

ޖަލުގައި ތިބޭ ގައިދީންނަށް ބޭނުންވާ ޝަވަޖެލް އާއި ޑިއޯޑަރަންޓް ފަދަ އަސާސީ ސާމާނު، ޖަލުގައި ގާއިމްކޮށްފައިވާ ނިޒާމު މެދުވެރިކޮށް ގިނަ ދުވަސްތަކެއް ވަންދެން ގަންނަން ލިބެން ނުހުންނަ ކަމަށް ވެސް އޭނާގެ ސިޓީގައި ވިދާޅުވިއެވެ.

އޭގެ އިތުރުން ފާހަގަކުރި ބައެއް މައްސަލަތައް:

  • ގޮޅިތަކުގެ ވެންޓިލޭޝަން ދަށްވުމުގެ ސަބަބުން އިންތިހާއަށް ހޫނުގަދަވުން
  • ގޮޅިތަކުގެ ފާހާނާތައް މަރާމާތުނުކުރެވި ގިނަ ދުވަސް ވުމުން، ސާފުތާހިރުކަން ކުޑަވެ ބަލި ފެތުރުން
  • ގޮޅިތަކުގައި މަދިރި ގިނަވުމާއި ކައިބޮއެ އުޅޭ ތަކެތީގެ މަތީގައި މީދާ ދުވެ އުޅުން
  • އަންހެން ގައިދީންނަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމުގައި އިދާރީ ދަތިތަކެއް ހުރުން
  • ރިހެބިލިޓޭޝަންގެ ފުރުސަތު ހުރިހާ ގައިދީންނަށް އެކަށީގެންވާ ވަރަށް ނުދެވުން
  • ނުކުޅެދުންތެރިކަން ހުންނަ ގައިދީންނަށް ހާއްސަކޮށް ތަމްރީނުކޮށްފައިވާ މުވައްޒަފުން ޖަލުތަކުގައި މަދުވުން
  • ޖަލު ކޮއްތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވުމާއި ކާންދޭ އެއްޗެހީގެ ސާފުތާހިރުކަން ނުބެލެހެއްޓުން
  • ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ހެދިފައިވާ އުސޫލު ހަރުކަށި ކުރުން

އެ ސިޓީގައިވާ ގޮތުގައި، އެ ކަންކަމަކީ އާންމުންގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް ކަންކަމެވެ. ކަރެކްޝަންސްގެ ކަމާ ބެހޭ ފަރާތްތައް ހާޒިރުކުރަން އެދިވަޑައިގަންނަވނަީ އެކަންކަމާމެދު އިތުރު މައުލޫމާތު ހޯދުމަށާއި، އެކަންކަން ރަނގަޅުކުރުމަށް ކޮން ކަމެއްތޯ ސާފުކޮށްދިނުމަށް ކަމަށް ކުޑޫގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: