ރާއްޖޭގެ ޖަލުގެ ގައިދީންނަށް ފޯނު ފަދަ ތަކެތި ފޯރުކޮށްދިންކަމުގެ މައްސަލައިގައި ހައްޔަރުކުރި 13 އޮފިސަރުންގެ މައްޗަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މާފުށިން ނުވަ އޮފިސަރަކާއި ކާށިދޫއިން ދެ މީހަކުގެ އިތުރުން އުތީމުންނާއި މާލެއިންވެސް މުއައްޒަފުން ހައްރުކޮށްފައިވާއިރު ފުލުހުންވަނީ ބަންދުގެ މުއްދަތު ޖަހާފައިވާކަން ކަށަވަރުކޮށްދީފައެވެ. ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރި މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޖަހާފައިވަނީ ފަސް ދުވަހުގެ މުއްދަތެއްކަމަށްވާއިރު 11 މީހެއްގެ މައްޗަށް ޝިރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ހުކުމް ކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ފޯނާއި މަސްތުވާތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުޅުވީ އިންޓެލިޖެންސް ބޭނުންކޮށްގެން ހޯދި މައުލޫމާތުން 18 އޮފިސަރެއްގެ އެކައުންޓުތަކަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި ފައިސާ ޖަމާވެފައިވަނީ ގައިދީންގެ އެކައުންޓުތަކާންނާއި ކުށުގެ ވެށީގައި ފާހަގަކުރެވޭ މީހުންގެ އެކައުންޓުތަކުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށާއި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށާއި މި ފައިސާގެ އަދަދުތަކަކީ 2023 ޖެނުއަރީން ފެށީގެން ފާހަގަ ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ މި 18 މުވައްޒަފުންގެ ތެރެއިން 6 ފަރާތެއް އަމިއްލައަށް ކަރެކްޝަންސްގެ ވަޒީފާއިން މީގެކުރިން ވަކިވެފައިވާކަން ފާހަގަކޮށް އެމީހުންނަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

