ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި އިއްޔެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ހަ މީހުންގެ އާއިލާއަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަމާއި ވަގުތީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ފަތިހު 4:00 އެހާއިރު، ހުޅުމާލެ ފޭސް 1 ގެ 141 ނަންބަރު ފްލެޓްގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުދިންވެސް ހިމެނެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފަރުވާ ދިނުމަށްފަހު އެ އެންމެންގެ ހާލުވެސް މިހާރު ރަނގަޅެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.
މިކަމާ ގުޅިގެން މިއަދު އެންޑީއެމްއޭއިން ސަންގަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ އާއިލާގައި ހިމެނޭ 6 މީހުން (2 ބޮޮޑު މީހުން: އަނބިމީހާ އަދި ފިރިމީހާ، 4 ކުޑަކުދިން) ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އިތުރުން، އަސާސީ އެހީތެރިކަމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ އެހެނިހެން ތަކެތިވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އެ އެހީތެރިކަން މިހާރު ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށެވެ.
ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކުރުމާއި، ހާލުގައި ޖެހުނު ފަރާތްތަކަށް އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

