ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) މިއަދު ޖައްސައިފިއެވެ. މި ދަތުރުތައް އަލުން ފެށުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފުރުސަތެކެވެ.

މި ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ވޯޓާ ސަލިއުޓަކާއެކުގައެވެ. މީގެ އިތުރުން، ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ހާއްސަ މުނާސަބަތާ ގުޅިގެން، ރާއްޖެއަށް އައި ފަސިންޖަރުންނަށާއި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާވެސް ބަހާފައެވެ.

ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްއޭސީއެލްއިން ބުނި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ބައިނަލްއަޤުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: