ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ދަރަވަންދޫގައި ބޭއްވުނު ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދުއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ”ކަލެކްޝަން ޕޮއިންޓް“ އެއްގެ ގޮތުގައި އޭދަފުށީގެ އިތުރުން މިހާރު ދަރަވަންދޫ ވެސް ހިޔާރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ބ. ދަރަވަންދޫއިން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ފެށުމަކީ އެ ރަށުގެ ރައްޔިތުންނާއި، އެ އަތޮޅުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެ ކުރިން ޕާސްޕޯޓު ހެއްދުމަށްޓަކައި އަތޮޅުތަކުގެ ރައްޔިތުން ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރުކުރަން ޖެހުނު ނަމަވެސް، މި ޚިދުމަތާއެކު ރައްޔިތުން އުފުލަމުން ދިޔަ މާލީ ބުރައަށް ނިމުމެއް އަންނާނެއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ގާއިމުކޮށް ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މިފަދަ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާވުމުން، ޚިދުމަތް ހޯދުމުގައި ހޭދަވާ ވަގުތު ކުޑަވެ، ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

