ކޮވިޑް 19އާ ގުޅިގެން ވިޔަފާރިވެރިންގެ އިތުރުން ގޭބިސީތަކަށް ވެސް އެހީވާން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ވިޔަފާރިވެރިންގެ އިތުރުން ގޭބިސީތަކަށް ވެސް ގެއްލުންވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ މި ދަނޑިވަޅުގައި ސަރުކާރުގައި އޮންނަ އުސޫލަކުން ގޭބިސީތަކަށް އެހީތެރިވުން ވަރަށް މުހިންމު ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ގޭ ބިސީތަކަށް ޚަރަދު ކުރުމަށް 50 މިލިއަން ރުފިޔާ ކަނޑައަޅަންޖެހޭ ކަމަށާއި ގޭބިސީތަކަށް 15،000 ވަރަކަށް ރުފިޔާ، އެ ގޭބިސީތަކުގެ ނިސްބަތުން ދޭން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެންމެ ގޭގައި މަޑުކުރަން ޖެހިފައިވާތީ އާންމުންކޮށް ހިނގާ ޚަރަދަށްވުރެ މިހާރު ގޭބިސީތަކުގެ ޚަރަދު މާ ބޮޑެވެ.
”މީގެ ގެއްލުންވަނީ ވިޔަފާރިތަކަކަށް އެކަންޏެއް ނޫން. ގެއްލުން އެބަވޭ ގޭބިސީތަކަށް ވެސް. އެންމެން މިތިބީ ގޭގައި. ދެން ހަރަދު ބަރަދު ހުންނާނެތާ. އަނެއްހެން ޕާޓްޓައިމްކޮށް މަސައްކަތްކުރާ މީހަކަށް ވެސް މިހާރު ނުދެވޭނެ. ސަރުކާރުން އެލޮކޭޓްކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން 50 މިލިއަން ރުފިޔާގެ ގޭބިސީތަކަށް 15،000 ވަރަކަށް ރުފިޔާ ލިބުން މުހިތްމު“ ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ރިސޯޓުތައް ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ދުނިޔޭގެ ބޮޑެތި މުއްސަނދިންނަށް ދޭ ގޮތަށް ޓޫރިޒަމް މާކެޓް ކުރަންޖެހޭ ކަމަށެވެ.
އެގޮތަށް ޓޫރިޒަމް މާކެޓް ކުރުމުގެ ގޮތުން އެދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބަޔަކާއި މަޝްވަރާކުރެވި ޚިޔާލް ބަދަލުކުރެވިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރިޒޯޓްތައް ބަންދުކޮށް، ވިޔަފާރިތައް މަޑު ޖައްސާލުމަކީ މި ދަނޑިވަޅުގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ގައުމުގެ އިގުތިސާދަށް ލިބިފައިވާ ގެއްލުން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އިސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސް ސޯލިހާއި ވަޒީރުންނަށް މަޝްވަރާދެއްވަމުން ގެންދަވާ ކަމަށެވެ.

