ކޮވިޑް-19 ގުޅިގެން މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރެއްވުމަށް ފަހު މެންބަރުން ގޭގައި ތިއްބަވައިގެން ކުރިއަށް ގެންދަވަން ނިންމެވީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
ކޮވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާ މެދު މެމްބަރުންގެ މަޝްވަރާ ހޯއްދެވީ، މިހާރު އޮތް ހާލަތާ ގުޅިގެން މަޖިލީހުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދު ކަނޑައިލި އިރު، ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމާއި މެދު ގޮތެއް ނިންމުންފަދަ، އަވަހަށް ނިންމަން ޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ.
ސަރުކާރު ބަންދު ކުރުމުގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށެވެ. އަދި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވީނަމަވެސް މަޖިލީހުގެ ސްޓާފުންނާއި، މަޖިލީހުގެ މަސައްކަތްތަކުގައި އުޅޭ ގިނަ ފަރާތްތައް ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

