ވަކި މުއްދަތެއް ނެތްގޮތަށް ރިސޯޓުތަކާއި، އެހެން ރަށްތަކައިދެމެދު ކުރާ ދަތުރުތައް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.
އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައިވަނީ، ރާއްޖެގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކަތެރިކަމަށްޓަކައި، އަޅަންޖެހޭ ޚާއްްސަ ފިޔަވަޅުތައް އެޅުމުގެގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލަނުކޮށްފައިވާތީ، ވަކި އެންގުމެއް އަންގަންދެން ރިސޯޓުތަކާއި، ރަށްތަކާއިދެމެދު ކުރެވޭ ދަތުރުތައް މި ވަގުތުން ފެށިގެން ހުއްޓާލުމަށް އަންގާކަމަށެވެ.
މި ގޮތުން، ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުނުކުރުމަށާއި، ރަށްރަށުން ރިސޯޓުތަކަށް ދަތުރުނުކުރުމަށާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާކަމަށެވެ.
އެހެންނަމަވެސް، ބައެއް ހާލަތްތަކުގައި، ދަތުރުކުރަންޖެހެ ފަރާތްތައް މި އެންގުމުން އިސްތިސްނާވާނޭކަމަށެވެ. މިގޮތުން، ރިސޯޓުތަކުގައި ވަޒީފައަދާކުރަ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިސޯޓަށް ދިއުމާއި، ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުމަށްޓަކައި އެއާރޕޯޓަށްދިއުމާއި، ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއާރޕޯޓަށް ދިއުން، އިސްތިސްނާވާނޭކަމަށެވެ. ނަމަވެސް، ފަތުރުވެރިން ފުރުވަން އެއާރޕޯޓަށްދާ މުވައްޒަފުން އެނބުރި ދާންޖެހޭނީ ރިސޯޓަށްކަމަށާއި، އަދި އެފަދަ މުވައްޒަފުންގެ ދަތުރުކުރަމުންދާގޮތުގެ މަޢުލޫމާތު ރިސޯޓުތަކުން ބަލަހައްޓަންވާނެކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ، ރިސޯޓުތަކަށް މުދާއުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓަށް މުދާ ފޯރުކޮށްދިނުމަށް، ޖެޓީއާއި ހިސާބަށްދާ ދިއުން ވެސް އިސްތިސްނާވާނޭކަމަށެވެ.
ހަމަ އެހެންމެ، ރިސޯޓުތަކުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުންވާނަމަ، އެ ރިސޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އެ ރިސޯޓަކުން ފުރާ ތާރީޚުންފެށިގެން 14 ދުވަސްވެފައިވާންޖެހޭކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މިގޮތުން މި ހާލަތުގައި ރިސޯޓުން ފަތުރުވެރިޔާ ފުރާ އެންމެ ފަހު ތާރީޚު އެޗްޕީއޭއަށް ވަގުތުން އަންގަންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އެޗްޕީއޭއިންވަނީ، މި ފިޔަވަޅުތައް ތަންފީޒުކޮށް އެއާއި އެއްގޮތަށް ޢަމަލުކުރުމަށް ހުރިހައި އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މި އެންގުމާއިއެކު އެ އޭޖެންސީން 18 މާޗް 2020 ގައި ނެރެފައިވާ ބަޔާން މި ވަގުތުން ފެށިގެން ބާޠިލުކުރެވިފައިވާކަމަށެވެ. އެ ބަޔާނުގައިވަނީ، 18 މާޗް 2020 އިން ފެށިގެން، 10 ދުވަހުގެ މުއްދަތަށް ރިސޯޓުތަކާއި ރަށްތަކާއިދެމެދު ކުރާ ދަތުރުތައް ހުއްޓާލުމަށް އަންގާފައެވެ.
https://twitter.com/HPA_MV/status/1240284638976696321?s=20
ކޯވިޑް-19 އާއި ގުޅިގެން، އެޗްޕީއޭއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ރާއްޖޭގެ ގިނަ ރިސޯޓުތައް މިހާރުވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން، ރިސޯޓުން ފޭބުން މަނާކޮށްފައިވަނިކޮށް ދާދިމިދާކަށްދުވަހު ދެ މީހަކުވަނީ ފިލައިގެން މާލެގޮސް، މާލޭ އެއާރަޕޯޓުން ފުރައިގެން، ފުވައްމުލަކަށް ގޮސްއުޅެނިކޮށް ހައްޔަރުކޮށްފައެވެ.

