ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކޮރޯނާވައިރަހަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރިނަމަވެސް އެކަން ކަށަވަރު ކުރެވިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޔޫއޭއީން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް، އެ ގައުމުގެ ހެލްތު މިނިސްޓްރީއާ ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މާބޮޑު ތަފްސީލެއް ނެތްނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހަށް، މިދިޔަ އަންގާރަ ދުވަހު ޔޫއޭއީ އިން ޕޮޒިޓިވް ވި 50 މީހެއްގެ ތެރޭގައި ދިވެއްސަކު ހިމެނޭކަންވަނީ ހާމަކޮށްފައެވެ.
ޔޫއޭއީގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ރާއްޖެއާ އެކު މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ.
https://twitter.com/mohapuae/status/1242480447772295168
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަން ޔޫއޭއީގެ ސަރުކާރުން ބުނުމާ އެކު ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޔޫއޭއީގައި ހުންނަ އެމްބަސީން އަންނަނީ އެކަން ބަލަމުންނެވެ. އެގޮތުން ވަޒީފާ އާއި އެހެނިހެން ބޭނުންތަކުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ރަޖިސްޓްރީ ބަލައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ޔޫއޭއީގައި އުޅޭ ދިވެހި އެއްވެސް އާއިލާއަކުން ވެސް އެފަދަ ރިޕޯޓެއް މިހާތަނަކަށް ނުކުރެ އެވެ.
ކޮރޯނާވައިރަހަށް ޔޫއޭއީން 333 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން ހަ މީހަކު މަރުވެފައިވާ އިރު މި ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ، 52 މީހަކު ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ 13 ކޭހެއް ރާއްޖޭން މިހައިތަނަށް ފެނުނަސް, ، ރާއްޖޭން އެއްވެސް ދިވެއްސަކު އެބައްޔަށް ޕޮޒިޓިވްވެފައެއްނުވެއެވެ. މިހާތަނަށް ޕޮޒިޓިވްވި 13 މީހުންނަކީ ވެސް ބިދޭސީންނެވެ.
ރާއްޖޭން މި ބަލި ފެނުނު 13 މީހުންގެ ތެރެއިން މިހާތަނަށް 8 މީހަކު ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ފަރުވާ ދެމުން އަންނަނީ ފަސް މީހަކަށެވެ.

