ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ތުހުމަތު ކުރެވޭ ފަރާތެއް ނެތް ގޮތަށް ގެންގޮސްފައިވާ ބަނގުރާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިގޮތުން ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ ބްރޭންޑެޑް ފުޅީގެ 364 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 78 ފުޅި ބަނގުރަލާއި 25 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހަތް އައިޓަމް ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
އެ ތަކެއްޗަކީ 13 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ބަނގުރާކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށް ޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
މީގެ އިތުރުން އެކި މައްސަލަތަކުގައި ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކެއްވެސް ވަނީ ނައްތާލާފައެވެ.
މި ޖޫން މަހުގެ 22 ވަނަ ދުވަހު ނައްތާލައިފައި ވަނީ 105 ފުޅި ބަނގުރަލާއި 135 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މި އަހަރުގެ މާރިޗު 1 އިން އޭޕްރީލް 14 އަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

