މާލެ،ހުޅުމާލެ އަދި ވިލިމާލެގައި ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ހިންގަމުންދާ ކެއުމުގެ ހިދުމަތް ދޭ ކެފޭ، ރެސްޓޯރެންޓުތަކުގެ ހިދުމަތްތައް ދިނުން ހުއްޓައިލުމަށް އިތުރު އެއްވެސް ކައުންސިލަކަށް އަންގާފައެއް ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެޗްޕީއޭއިން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ އާންމު ހިދުމަތްދޭ ތަންތަނުން ބުރާސްފަތި ދުވަހުން ފެށިގެން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށް ބުނެފައެވެ. އަދި އެ އެންގުމުގެ ދަށުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އެހެން ތަންތަން ރޭގަނޑު 6:00 ފަހުން ހުޅުވާފައި ނުބެހެއްޓޭނެ ކަމަށް އެ ކައުންސިލުން ވަނީ ފިހާރަތަކަށް އަންގާފައެވެ. އަދި ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ ހުއްދަ ދެވޭ ފެންވަރަށް އަތް ދޮވުމުގެ އިންތިޒާމު ހަމަޖެއްސުމުން ކަމަށާއި އެތަނުން ހެދިކާ، މަސް ކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ ވާނެ ކަމަށް ބުނެފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އެ ބަޔާނުގައި ވާ ގޮތުން ކެފޭތަކާއި ރެސްޓޯރަންޓު އަދި ގާޑިޔާތަކުގައި ދުފާ ތަކެތި ވިއްކަން ވާނީ ޕެކް ކުރެވިގެން ކަމަށާއި ކެފޭ އަދި ރެސްޓޯރެންޓް ތަކުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު ހަވީރު 6 އިން ރޭގަނޑު 10 އަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވިދާނެ އެވެ.
މި މައްސަލައާއި ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން ކޮރޯނާގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ ބަޔާނެއް އޭނާއަށް ވެސް ފެނިފައިވާކަމަށާއި މިއީ އެއްގޮތަކަށް ވެސް ސަރުކާރާއި މަޝްވަރާކޮށްގެން އެޅި ފިޔަވަޅެއް ނޫން ކަމާށެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުން އެގޮތަށް އަމިއްލައިން ކަންކަން ނުނިންމުމަށް އިލްތިމާސްކުރައްވާފައިވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ސިއްހީ ދާއިރާގެ ފަރާތްތައް ދޭ އިރުޝާދުތަކަށް ބޯލެނބުން ކަމަށެވެ.
މަބްރޫކްއަށް ރައްދު ދެއްވާ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް ސޯބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރުއޮއްސި ހައެއްގެ ފަހުން ފިހާރަތައް ބަންދު ކުރުމަށް ނިންމާފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސަސް މައިމޫނާ އަބޫބަކުރުއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
https://twitter.com/SobeAbdulla/status/1243133522186919936
ސޯބެގެ ޓްވީޓުގެ ރައްދުގައި އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނެފައިވަނީ ގްރޭޓާ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓުތައް ބަންދު ކުރުމަށް އަންގާފައި ނުވާ ކަމަށެވެ. އޭގެ އިތުރުން، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން ކައުންސިލަކަށް އަންގާ، އިރުޝާދު ދީފަވެސް ނުވާނެ ކަމަށެވެ. އެހެން ކަމުން ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސިއްހަތާއިބެހޭ ޓާސްކްފޯސްތަކުން، އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކުރާކަމަށް ވެސް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.
https://twitter.com/HPA_MV/status/1243189517797879808

