ކުރީގެ ރައީސްަ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފަހިދިރިއުޅުން ކޯޕްރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި އަމާން ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ ”ގާބޭޖް ޝޫޓް“ ހަރުނުކުރާ މައްސަލައިގައި ހައުސިން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
މި މައްސަލައިގައި މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މިނިސްޓަރަށް ފޮނުވި ސުވާލުކުރުމުގެ ނޯޓިސްގައި ވަނީ މިދިޔަ ސަރުކާރުން އިމާރާތްކުރި ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ ގާބޭޖް ޝޫޓް ހަރުނުކުރަނީ ކީއްވެކަން ސާފުކޮށްދިނުމަށެވެ.
މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސުވާލުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރު ކަންތައް ހުރިގޮތުން ގޭބިސީތަކުން އުފެދޭ ކުނި ތިރިއަށް ގެންދަންޖެހެނީ ލިފްޓުގަ އެވެ.
”މީގެ ސަބަބުން އިތުރު މީހުންނާއެކު ކުނި ކޮތަޅުތައް ހިފައިގެން ލިފްޓުގައި ދަތުރުކުރަން ޖެހުމުން އެކަމުގެ އުނދަގޫ އެހެން މީހުންނަށް ފޯރުމުގެ އިތުރުން މިއީ ސިއްހީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން ވެސް ބަލާއިރު އެންމެ އެދެވޭ ގޮތެއް ނޫން،“ ކުޑޫ ފޮނުވި ސުވާލުގައި ބަޔާންކޮށްފައިވެ އެވެ.
4000 ހައުސިން ޔުނިޓު ހިމެނޭ ފްލެޓުތައް ފަރުމާ ކޮށްފައި ވަނީ ގާބޭޖު ޝޫޓް ހަރުކުރާ ގޮތަށެވެ.
މި މައްސަލައަކީ ފްލެޓުތަކުގައި ދިރިއުޅޭނެ އާއިލާތަކުގެ ސިއްހީ ރައްކާތެރިކަމާއި ގުޅިފައިވާ މުހިންމު ކަމެއް ކަމަށްވާތީ، ސަރުކާރުގެ ފަރާތުން މިކަމުގައި ގެންގުޅޭ ސިޔާސަތު ސާފުކުރުމަކީ މެންބަރުގެ މަގްސަދެވެ.

