ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އޮންއެރައިވަލް ވިސާ ދޫކުރުން މިރޭ 12:00 އިން ފެށިގެން ހުއްޓާލައިފި އެވެ.
އޮންއެރައިވަލް ވިސާ ދިނުން ރާއްޖޭން މެދުކަނޑާލަން ނިންމިކަން އިއުލާނުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނު ވިދާޅުވީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ރާއްޖެގައި އެ ބަލި ފެތުރިދާނެ ހުރިހާ ދޮރުތައް ބަންދުކުރަން ކަމަށެވެ.
އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއެކު ރާއްޖެ އަށް އެހެން ގައުމުތަކުން ކުރާ ދަތުރުތައް ހުއްޓުނަސް އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެއެވެ.
ރާއްޖެއަކީ ދުވާލަކު އެތައް ބައިވަރު ފަތުރުވެރިންނެއް އަންނަ ގައުމަކަށް ވިޔަސް ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކަށް ފަހު، ފަތުރުވެރިން އަންނަ އަދަދުވަނީ މަދުވެފައެވެ. އަދި މި ފިޔަވަޅާ އެކު ޓޫރިސްޓުން އައުން އެއްކޮށް ހުއްޓޭނެ އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައި މި މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް އޮފީސްތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މި ވަގުތަށް ވަނީ ބަންދުކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. މި ބައްޔަށް ޕޮޒިޓިވް މީހެއް ރާއްޖެއިން ނުފެންނަތާ މިހާރު ވަނީ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފަ އެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން 9 މީހަކު ވަނީ މިހާތަނަށް ރަނގަޅުވެފައެވެ.

