ދުނިޔޭގެ ެއެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް، ނުވަތަ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރު މިވަނީ ބަންދު ކުރެވިފައެވެ. ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މި ވަގުތު ރާއްޖެއަށް އަންނަ ފަތުރުވެރިން އެތައް ގުނައަކުން މަދުވަމުން ގޮސް ބޯޑަރު ބަންދު ކުރި ދުވަހު ރާއްޖެ އައިސްފައިވަނީ އެންމެ 39 ފަތުރުވެރިއެކެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.
ރާއްޖެއިން ވެސް މި ވައިރަހުގެ 13 ކޭސްއެއް ފެނުމާއި ގުޅިގެން ފިޔަވަޅުތައް ދިޔައީ ވަރުގަދަ ކުރަމުންނެވެ. ހާއްސަގޮތެއްގައި މި ވައިރަސް ރާއްޖެ އެތެރެވާނަމަ އެތެރެވާން އޮތް ދޮރަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ރައްކާތެރިކަމުގެ ގޮތުން ފަހަރަކު ފިޔަވަޅެއް އަޅަމުން ދިޔައިރު އޭގެ ތެރޭގައި ވަކި ވަކި ގައުމުތަކުން ރާއްޖެ ނާދެވޭ ގޮތް ހެދުން ހިމެނެއެވެ. އެއަށްފަހު ރިސޯޓުތަކުގެ މުވައްޒަފުންނަށް ރަށުން ނުފޭބޭ ގޮތް ހެދުން ހިމެނެއެވެ. އަދި އެކްކާޝަންތައް މެދުކަނޑާލުމާއި، ފަތުރުވެރިން ގޮވައިގެން އެއް ރަށުން އަނެއް ރަށަށް ނުވަތަ ފަތުުރުވެރިޔާ ޗުއްޓީ ހޭދަ ކުރާ ރަށް ނޫން އެހެން ރަށަަކަށް ނުދެވޭ ގޮތަށް ބަދަލު ކުރިއެވެ.

މީގެ އިތުރުން، ޔޮޓްތަކާއި ސަފާރީތައް އޮޕަރޭޓު ކުރުމާއި ހަމައިން ފެށިގެން ކަނޑު މަގުން ރާއްޖެ އަންނަ ކްރޫޒްލައިނާތައް އެތެރެ ވުން މަނާ ކުރިއެވެ.
ވައިރަހުގެ ނުރައްކާ ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، ރާއްޖެއިން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށް އެންމެ މުހިންްމު އެއް ފިޔަވަޅެއްގެ ގޮތުގައި ނެގީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމެވެ. ވައިރަހާއި ގުޅިގެން މިހާތަނަށް އެކަނިވެސް 50 އަށް ވުރެ ގިނަ ރިސޯޓު ބަންދުކޮށްފައިވާއިރު ގިނަ ރިސޯޓުތަކުގައި ދިހަ ވަރަކަށް ފަތުުރުވެރިން ވެސް ނެތެވެ.
ދުނިޔޭގެ އެތައް ގައުމެއް ލޮކްކޮށް އެ ގައުމުތަކުގެ ބޯޑަރު ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، އެ ގައުމުތަކަށް އެ ފިޔަވަޅު އެޅުނީ މާ ލަސްވީ ފަހުންނެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި އެކު ފަތުރުވެރިކަން ހުއްޓުނީއެވެ. ދުވާލެއްގެ މައްޗަށް ފަސް ހާހަށްވުރެ ގިނަ ފަތުރުވެރިން އެތެރެވަމުން އައިރު އެންމެ ފަހު ދުވަހު ރާއްޖެއަށް އެތެރެވީ ފަތުރުވެރިންގެ އަދަދު 50 އަށް ވެސް ނާރައެވެ. މިވަގުތު ވެލާނާ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލް ފެންނާން އޮތީ ފަޅުތަނެއްގެ ގޮތުގައެވެ.

ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށްވެފައި، އަޅާ ފިޔަވަަޅުތައް ވަރުގަދަވާން ޖެހެއެވެ. އެހެން ކަމުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިއީ އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ކޮރޯނާވައިރަސް ފެތުރޭތީ އައިޓީބީ އިންޑިއާ އާއި ޔޫއޭއީގައި ބާއްވާ ޕާޓާ އެނުއަލް ސަމިޓް ވެސް، ނުބާއްވާ ގޮތަށް ނިންމާފައިވާއިރު ދުބާއީގައި އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވެލް މާކެޓާއި ޑަބްލިއުޓީއެމް އެފްރިކާ ފަދަ ފެއާތައް ނުބޭއްވެއެވެ. ޖަރުމަނުވިލާތުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ ބާލިން ފެއާވެސް ވަނީ ކެންސަލް ކުރެވިފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ހާލަތާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ރައީސް ވިދާޅުވީ ދަތިތަކާއި ދިމާވީ ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސް ނުވާނެކަމުގެ ޔަޤީންކަން ދެއްވާ ރައީސް ސޯލިހް ވަނީ އެސްޓީއޯ އޮތީ ފުރިހަމައަށް ތައްޔާރަށްކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބޭއްވެވި ޕްރެސްކޮންފަރެންގައި އެންމެ ފަހުން ވިދާޅުވީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ރާއްޖެގައި އެ ބަލި ފެތުރިދާނެ ހުރިހާ ދޮރުތައް ބަންދުކުރަން ކަމަށެވެ.

