މިއަހަރުގެ އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި އެސްއެމްއީ ޑިޖިޓަލް އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.
މިގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރުމަށް ”އެމްއެސްއެމްއީ ފެސްޓް 2026“ ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިއަދުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލްގައި، 30 ވިޔަފާރިއަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ތަކެތި ވިއްކުމަށް ސްޓޯލްތައް ދޫކޮށްފައިވެއެވެ. މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލް، ބީސީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ސްޓޯލްތަކެއްވެސް މި ހަރަކާތުން ފެނިގެންދާނެއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޓެލެތޯނެއް ވަގުތުން ކުރިއަށް ގެންދާނެއެވެ. މި ޓެލެތޯންގެ މައިގަނޑު ބޭނުމަކީ ކުދި ވިޔަފާރިތަކާ ގުޅުންހުރި މައުލޫމާތާއި ކޮންޓެންޓްތައް އާންމުންނަށް ގެނެސްދިނުމެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި އާންމުން ބައިވެރިކުރުވުމަށް ”ޓެގް ޔޯ ފެވަރިޓް އެމްއެސްއެމްއީ“ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ ކެމްޕެއިނެއް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ފަށާފައިއެވެ. އެސްއެމްއީ ޑިޖިޓަލްގެ އިންސްޓަގްރާމްގައި ކުރިއަށްދާ މި މުބާރާތުގައި އާންމުންނަށް އެންމެ ކަމުދާ ކުދި ވިޔަފާރިތައް ޓެގްކޮށްގެން، ޓެގްކުރާ ފަރާތަށާއި އެ ވިޔަފާރިއަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
ހަމައެހެންމެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުޖުތަމައުގައި އަދާކުރާ މުހިންމު ދައުރާއި އެފަރާތްތަކުގެ ބުރަ މަސައްކަތްތައް ތަފާތު ނަޒަރިއްޔާތަކުން ދައްކާލުމަށް ”ކެޕްޗަރ އެމްއެސްއެމްއީ“ގެ ނަމުގައި ފޮޓޯގްރަފީ މުބާރާތެއްވެސް ވަނީ ހުޅުވާލާފައިއެވެ. އާންމުކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ތަފާތު ކެޓަގަރީތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، އެމްއެސްއެމްއީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކ. ހުރާގައި އެސްއެމްއީ ޑިޖިޓަލް، ބޭންކް އޮފް މޯލްޑިވްސް، ހުރާ ކައުންސިލް އަދި ބީސީސީ ގުޅިގެން ހާއްސަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ރާވާފައިއެވެ. މި ހަރަކާތަކީ ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، ހިދުމަތްތައް ހޯދާނެ މަގުތައް އޮޅުންފިލުވައިދިނުމަށް ބާއްވާ ހަރަކާތެކެވެ.

