މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ދެ ބިދޭސީއަކު ވެއްޓި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގު ޗެކްމާކްސް ކައިރީގައި ހުންނަ ގޯޅިއެއްގައި އިމާރާތް ކުރަމުންދިޔަ ސައިޓެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖީދީމަގުގައި ހަދަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 13:53 އެހައިކަންހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުންދަނިކޮށެވެ. މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް ޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެއީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

