ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ލ. ކުނަގަންދޫ ކައިރީ އޮތް ސަފާރީއަކުން އެ ރަށަށް ފޭބި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް ކުނަގަންދޫ ކައިރީ އޮތް ސަފާރީއަކުން ދެ މީހަކު އެ ރަށަށް ފައިބާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭގަނޑު 10:14 ގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއި އެކު ރަށަށް ފޭބި އުމުރުން 39 އަހަރާއި 37 އަހަރުގެ ދެ ދިވެހި ފިރިހެނުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ލ. ގަން ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ފަސް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ހުރިހާ ފަރާތްތަކުން ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކާ އެއްގޮތައް އަމަލު ކުރަން އިލްތިމާސް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ރިސޯޓުތަކުގެ މުއައްޒަފުން ވެސް ރަށްރަށް އަރާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ފުލުހުން މުއައްޒަފުން ހައްޔަރުކޮށްފައި ވެސް ވެ އެވެ.
އެއްފަސްކޮށް އޮންނަ ބައެއް ރިސޯޓުތަކުން ނުވަތަ ބްރިޖްއަކުން ގުޅުވާފައި އޮންނަ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ޑިއުޓީއަށްފަހު ރަށަށް އަންނަ މައްސަލަ ފާހަގަވެ އެކަމާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ކޮރޯނާ ވައިރަސް އާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެގޮތަށް އެއްވެސް ސްޓާފަކަށް އަމަލު ނުކުރެވޭނެ ކަމަށާއި، ރިސޯޓުތަކަށް ވަރަށް ސާފުކޮށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފެއްގެ ފަރާތުން އެފަދަ އަމަލެއް ފާހަގަވެއްޖެނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އުސޫލެއް ކަނޑައެޅިއްޖެ ކަމަށާއި އެއީ ބަލި ފެތުރުން ހުއްޓުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އެ ނިންމުންވެސް ވަރަށް ސާފު ކަމަށާއި މުވައްޒަފުންނަށް ޑިއުޓީ ނިންމާ ހުރުމުގެ ކަންކަން އިންތިޒާމު ކުރެވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، އެގޮތަށް އަމަލު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

