ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދި ސްޓޭންޑާޑް، ހުރުވަޅި މޯލްޑިވްސް ރިސޯޓުން ދިވެއްސަކާއި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ބައްޔަށް ޝައްކުވާ މީހުން ވަނީ ހޯމް އައިސޮލޭޓު ކުރެވިފައެވެ.
މިއަދާއި ހަމައަށް ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސްގެ 15 ކޭސްއެއް ފެނުނުއިރު މިހާތަނަށް އެ ބައްޔަށް ފަރުވާދިން މީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ވައިރަސްގެ ކޭސްއެއް ވެސް ރާއްޖެއިން ނުފެންނަތާ ދިހަ ދުވަސް ދުވަސް ފަހުން އިނގިރޭސި ވިލާތުން އައި ދެ ދިވެއްސެއްގެ ފަރާތުން އަލާމާތްތަކެއް ފެނުމާއި ގުޅިގެން އެމީހުން ޓެސްޓު ކުރިއިރު ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ޕޮޒިޓިވްވި ހުރިހާ ބިދޭސީން ބަލިން ރަނގަޅުވެފައިވާއިރު އެ އެންމެން ވެސް މިހާރު ތިބީ 30 ދުވަހުގެ މޮނީޓަރިންގައި ކަރަންޓީނުކޮށްފަ އެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް ގެންދަނީ ސީދާ ކަރަންޓީނަށެވެ. އޭގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.

