ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އަސާސީ ތަމްރީނުގެ މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު / ފޮޓޯ: ފޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ޓަކައި، އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން ގެނެވޭ ބަދަލުތައް ކުރިއަށް އޮތް ފުލުހުންގެ 43 ވަނަ އަސާސީ ތަމްރީނު ކޯހާއެކު އަމަލީ ގޮތުން ތަންފީޒުވާން ފަށާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މި ބަދަލުތައް އިއުލާންކުރައްވާފައިވަނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވުނު ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސީޕީ އަޙްމަދު މުޙައްމަދު ވަނީ ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ކޮލެޖުގެ އިސްވެރިންނަށާއި ހީވާގި މުވައްޒަފުންނަށް ގޮވާލައްވާފައެވެ.

”އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާއެކު، މި ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން،“ ސީޕީ އަޙްމަދު މުޙައްމަދު

އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން، އަމަލީ މައިދާނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ހުނަރުވެރި، ނަމޫނާ، ފެންވަރު ރަނގަޅު އޮފިސަރުންތަކެއް ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގެ މަތިން ހުރިހާ މުވައްޒަފުންނަށް ސީޕީ ހަނދާންކޮށްދެއްވިއެވެ. އެގޮތުން ތަމްރީނު މަރުކަޒުތަކަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަސިލަތްތަކުން ފުރިގެންވާ ތަމްރީނުދޭ މައިދާންތަކަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަމާއި، ޒަމާނީ ބަދަލުތަކާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަގީންކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކޮށްދެއްވާ އަގުހުރި މަސައްކަތްޕުޅަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ސީޕީ އިހުލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

ދަސްވެނިވި ޒުވާން އޮފިސަރުންނާ މުހާތަބުކުރައްވައި ސީޕީ ވިދާޅުވީ، ފުލުހުން ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން، ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ޤާނޫނު ތަންފީޛު ކުރުމެއް ނޫން ކަމަށާއި، ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމުގައި ވުމާއެކު، އޮފިސަރުންގެ އަޚްލާޤާއި އަމަލުތަކުން ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

”ފުލުހެއްގެ ހަގީގީ ކާމިޔާބީއަކީ އޭނާގެ ކޮނޑުގައި ހުންނަ ރޭންކެއް ނޫން، ނުވަތަ ޖަހާ ކުލައެއް ނުވަތަ މެޑެއްޔެއްވެސް ނޫން. ފުލުހެއްގެ ހަގީގީ ކާމިޔާބީއަކީ، ކުށެއްގެ ނުރައްކަލުން ސަލާމަތްވި ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން. އެ އިތުބާރު ހޯދޭނީ، ހިދުމަތުގެ ރޫހު އޭގެ އެންމެ މަތީ ދަރަޖާގައި ހިތުގައި އާލާކޮށްގެން،“ ސީޕީ

މީގެ އިތުރުން، ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ސީޕީ ނަސޭހަތްތެރިވެވަޑައިގަތެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ސީޕީ ވަނީ، ކޮލެޖްގެ ހިންގުންތެރި ވެރިން ކޮށްދެއްވަމުން ގެންދަވާ މަސައްކަތަށާއި، މި ފެސިލިޓީގައި އެއްވެސް މެދުކެނޑުމެއް ނެތި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ޓަކައި ރެއާދުވާލު ވަރުބަލިކަމެއް ނެތި ކޮށްދެއްވި ބުރަ މަސައްކަތަށް ސާބަހާއި ޝުކުރު ދަންނަވާފައެވެ. އަދި ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި އެ އޮފިސަރުންގެ ބެލެނިވެރިންނަށް ތަހުނިޔާ އާއި މަރުހަބާ ރައްދުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: