މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި މާރާމާރީތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މުޅިންވެސް ދިވެހި ފިރިހެނުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ މީހުންނާއި، 23 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ.
ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުން ތިބި ތަނުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4 މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި 2 މީހުން ކޯޓުން ވަނީ ވަކި ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

