ރާއްޖޭގައި އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އަޅާފައިވާ ފިޔަވަޅުތާއި ހިލާފުވުމާއި އަދި ގާނޫނާ ހިލާފަށް މުވައްޒިފުންނާމެދު އަމަލުކުރާ ރިސޯޓްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.
މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ވައިރަހުގެ ސަބަބުން ވަރަށް ގިނަ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއަށްފަހު ގާނޫނާއި ހިލާފަށް ބައެއް މުވައްޒިފުންނަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާ، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އޭގެ އިތުރުން ބިދޭސީ މުވައްޒަފުންގެ ފްލައިޓުތައް ކޮންފާމް ނުވަނީސް ވެސް ފުރުމަށް އެއާޕޯޓަށް ގެންދަމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވަނީ، ބައިނަލްއަގްވާމީ ކާރިސާއެއް ތަޖުރިބާ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުންވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކޮންފާމް ފްލައިޓެއް ނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކުވިޔަސް ވެލާނާ އިންޓަނޭޝަަލް އެއާޕޯޓަށް ނުފޮނުވުމަށް އެދޭ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، އެންގުމާ ހިލާފަށް ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ބައެއް ރިސޯޓުތަކުން މުވައްޒަފުން ނޯޕޭއަކަށް ފޮނުވުމަށް މަސައްކަތް ކުރެއެވެ. އަދި ވަޒީފާއިން ދަނީ ވަކި ކުރަމުންނެވެ. އޭގެ އިތުރުން ބައެއް މުވައްޒަފުން ރަށުން ފޭބުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުން ނުވަތަ އެޗްޕީއޭގެ ފަރާތުންވެސް ރިސޯޓުން މުވައްޒަފުން 14 ދުވަސް ހަމަނުކޮށް ފޮނުވާލަން މެނޭޖްމަންޓަށް އަންގާފައިނުވާނެ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން މިހާރުވެސް 11،000 ވުރެ ގިނަ މުވައްޒިފުން ނޯޕޭގައި ޗުއްޓީއަށް ފޮނުވާލާފައިވާ ކަމަށް ބައެއް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. ރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކުން ވަނީ ފުލް މުސާރައާއެކު އަދި މުސާރައިގެ ދެބައިކުޅަ އެއްބައި ލިބޭ ގޮތަށް މުވައްޒިފުން ޗުއްޓީއަށް ފޮނުވާފައެވެ.

