ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ޝައުޤުވެރިކަމެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

ޝައުޤުވެރިކަމެއްނެތި އެއްވެސްކަމެއް ނުވާނެއެވެ. މިއީ ދުނިޔެދައްކާ ޙަޤީޤަތެވެ. ކޮންމެކަމެއް ކުރިޔަސް އޮންނަ ގޮތަކީ މިއެވެ. މި ދުނިޔޭގެ ތާރީޚުގެތެރެއަށް ނަޒަރު ހިންގައިލުމުން މި ކަމުގެ ބުރުހާނުތައް އެހުރީ ދިމާއަށް ފެންނާށެވެ.

މީހަކު ބުނީތީ ކުރާ އުސޫލަކުން، އެއްވެސްކަމެއް ނުވާނެއެވެ. އެހެންވެއްޖެނަމަ އެއީ އަމާބުނީތީ ފަރަށްދިޔުންކަހަލަ ކަމެކެވެ. ކަންކަން ކުރެވޭނީ، ކާމިޔާބަށް ވާސިލުވެވޭނީ، ކަނޑައެޅފައިވާ ވަކި މަޤުޞަދެއް އޮވެގެންނެވެ. ކުރިން ވެސް ދެންނެވި ފަދައިން ޝައުޤުވެރިކަމެއް ހުރެގެންނެވެ.

އެ ޝައުޤުވެރިކަމާއެކު ދެންހުރި އެހެން ސިފަތައް ހުރުމަކީ، ވެސް އެހާމެ ބޭނުންތެރިކަމެކެވެ. ނުހަނު މުހިންމު ކަމެކެވެ.

އެއީ އިޚުލާޞްތެރިކަމާއި ކެތްތެރިކަމެވެ. ޢަޒުމާއި އުންމީދެވެ. އިތުބާރާއި ޔަޤީންކަމެވެ. ހިތްވަރާއި ފަންވަރެވެ. ޖޯޝާއި ފޯރިއެވެ. މި ސިފަތައް ހުރިކަމަށްވާނަމަ ކާމިޔާބު ހޯދަން ކުރެވެނީ ރަނގަޅު ދަތުރެއްކަމަށް ބަލާށެވެ.

އެހެންނަމަވެސް، ދެއްކުންތެރިކަމާއި މަކަރުވެރިކަން، ކަންނެތްކަމާއި ކިބުރުވެރިކަން، ފަރުވާކުޑަކަމާއި ދޮގުވެރިކަމުގެ ސިފަ ހުރެއްޖެނަމަ، ކާމިޔާބު ހޯދުމުގެ ނިޔަތުގައި އުޅުނަސް، އެ ދަތުރުކުރެވެނީ ނުބައި މަގަކުންނެވެ.

މީގެ އިތުރުން ވިސްނައިލަން ޖެހޭ ވަރަށް މުހިންމުކަމެއް ވެސް އެބައޮތެވެ. މީހަކު ހިތަށްއަރާފާނެއެވެ. ”އަހަރެންނަކީ ޢިލްމު ލިބިފައިވާ މީހެކެވެ. އަހަރެންނަކީ ހުނަރުވެރި މީހެކެވެ. ވީމާ އަހަރެންނަށް ކޮންމެކަމެއް ވެސް ކުރެވިދާނެއެވެ.“

ނޫނެކެވެ. އެއީ ނުބައި ޚިޔާލުތަކެކެވެ. އެފަދަ ވިސްނުމެއް ގެންގުޅޭ މީހަކަށް، އެ ގެންގުޅެވެނީ ކުރިމަގު ބަނަކުރުމުގެ ކަޅުވިލާގަނޑެކެވެ. އެހެންޏާ ފަހެ، ޢިލްމެއް ހުރިޔަސް ހިލްމެއްނެތިއްޔާ ކުރެވޭނެކަމެއް އޮންނާނެ ހެއްޔެވެ؟ ހުނަރުހުރިޔަސް، ބުމަރެއްހެން އެނބުރުނީމާ ވާނެކަމެއް އޮންނާނެ ހެއްޔެވެ؟

ދުނިޔަވީ މިސާލެއްގެ ގޮތުން ވަޒީފާގެ މާހައުލަށް ބަލައިލަމާ ހިނގާށެވެ. އޮފީހެއްގައި ނުވަތަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހާ، އެ ތަނަކަށްދަނީ، ހަމައެކަނި ފައިސާގެ ބޭނުމުގައިކަމަށްވާނަމަ، އެ ތަނަކަށް ކުރިއެރުމެއް ލިބޭނެގޮތެއް އޮންނާނެ ހެއްޔެވެ؟ ކުރާ މަސައްކަތުގައި އިޚުލާސްތެރިކަމެއް ނެތްނަމަ ތަނަށްވާނެ ފައިދާއެއް އޮންނާނެ ހެއްޔެވެ؟ ހޭދަކުރާ ވަގުތުތަކުގައި ފަރުވާކުޑަކޮށްފިނަމަ ތަނަށް ލިބޭނެ މޮޅެއް އޮންނާނެ ހެއްޔެވެ؟ ޝައުޤުވެރިކަމާއެކު އަމިއްލަކަމެއްކަމުގައި ދެކިގެން މަސައްކަތްނުކުރާނަމަ، ކުރާ މަސައްކަތުގައި ބުރަދަނެއް ހުންނާނެ ހެއްޔެވެ؟

ޔަޤީނެވެ. އޭރުން ތަނަށް ވެސް ފައިދާއެއް ނުކުރާނެއެވެ. އަދި ކީއްހެއްޔެވެ؟ އެ ފަދަ މީހަކަށް ލިބޭނެ ކުރިއެރުމެއް ވެސް ނޯންނާނޭމެއެވެ.

އަދިވެސް ދަންނަވަމެވެ. ކާމިޔާބީގެ އެންމެ ބޮޑު އެއްސިއްރަކީ ޝައުޤުވެރިކަމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: