ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ސަބަބުން ދިވެހި އެތައް ޖީލެއްގެ ގާބިލުކަން ގެއްލި ހިނގައްޖެ: ސީޕީ

އިއްޔެގެ ރަސްމިއްޔާތުަގައި ސީޕީ އަހުމަދު މުހައްމަދު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާއަކީ މި ގައުމަށް ފާއިތުވި އެތައް އަހަރުތަކެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާ ކަމަށާއި އެކަމުގެ ސަބަބުން އެތައް ޖީލެއްގެ ގާބިލުކަން ގެއްލިގެން ގޮސްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ރާއްޖެއަށް، މަސްތުވާތަކެތި ތަހުލީލުކުރުމަށް ބޭނުންކުރާ 150 ”ފީލްޑް ޓެސްޓިންގ ކިޓް“ ފުލުހުންނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާ ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން ޖީލުތަކަކަށް މައްސަލަ ދެމިގެންގޮސް، އެތައް ޒުވާނުންނެއްގެ ގާބިލުކަން ވަނީ ގެއްލިފައި ކަމަށެވެ. އެހެންކަމުން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

”މަސްތުވާތަކެތީގެ ވަބާއަކީ މި ގައުމަށް ފާއިތުވި އެތައް އަހަރުތަކެއްގައި ކުރިމަތިވެފައިވާ ބޮޑު ވަބާއެއް. މީގެ ނަތީޖާ ޖީލުތަކަކަށް ދެމިގެންގޮސް، އެތައް ޒުވާނުންނެއްގެ ގާބިލުކަން ވަނީ ގެއްލިފައި. އެހެންކަމުން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު،“ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށް ޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ސިޕީ އަހުމަދު މުހައްމަދު ފާހަގަކުރެއްވިއެވެ.

އެމެރިކާއިން ހަދިޔާކުރި ކިޓްތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް އެ ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށާއި މީގެ ސަބަބުން ތަހުގީގުގެ މަސައްކަތްތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކިތަކެއް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

”މިއީ ހަމައެކަނި ފޯރުކޮށްދެވުނު އާލާތްތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރާއި، ގުޅިގެން މަސައްކަތްކުރުމާއި، މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން ކުރާ މަސައްކަތުގެ ރަމްޒެއް“ ސީޕީ ވިދާޅުވިއެވެ.

އޭގެ އިތުރުން، މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 އާ ސީދާ ގުޅުންހުރި ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތަހުގީގުގެ ދާއިރާ ހަރުދަނާކުރުމާއި، ފުލުހުންގެ މަސައްކަތްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށްގެން ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މީގެ ސަބަބުން އެހީއަކަށްވެގެންދާނެކަން ސީޕީ ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޔޫއެންއޯޑީސީގެ ރާއްޖޭގެ އޮފީހުގެ ހެޑް، އެންރީކޯ ބޮނިންސެގްނާ އާއި، އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔާރު އަލްނިފައިދީގެ އިތުރުން ޔޫއެންއޯޑީސީގެ ބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އިއްޔެ ހަވާލުކުރި 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެކެވެ. އޭގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެއެވެ. އެއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫއެންއޯޑީސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ، ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެއްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: