ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ލިބޭ ނަސީބެއް، ވިސްނުން ބަހައްޓަންވީ ކުޑަ ކާފިއުއެއް ނިމޭއިރަށް ދުއްވައިގަންނާކަށް ނޫން: ޑރ. މުރާދު

ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ސީރިއަސްކޮށް ބައެއް ފަރާތްތަކުން ނުނަގާ މައްސަލަ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، އާއްމުންގެ ތެރެއަށް ބަލި ފެތުރިދާނެ ހާލަތެއް އަޔަ ނުދިނުމުގެ ގޮތުން މާލެ ސަހައްދުގައި ހިންގާ ކާފިއުއަކީ ގޭގައި ތިބުމަށް މަޖުބޫރުވާ ތިން ގަޑިއިރުގެ ގޮތުގައި ނުދެކުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ކާފިއުގެ ވަގުތުގައި ވެސް އަދިވެސް ގިނަ ބަޔަކު މަގުތަކަށް ނިކުމެ އުޅޭތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ވައިރަހުން ރައްކާތެރިވުމަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މީހުން ގެއިން ނުކުތުން ވަނީ މަނާކޮށްފައެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށްވަނީ ލިބިދީފައެވެ. އެގޮތުން ކޮންމެ މީހަކު 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ޕޮޒިޓިވް ކޭސްއެއް ނުފެނި ދުވެސްކޮޅެއް ވެފައިވާކަމަށް ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވުނު ނަމަވެސް ނުރައްކާ އޮތް މިންވަރު ކުޑައެއް ނުވާ ކަމަށެވެ. ނަމަވެސް، ބިރު އޮތް މިންވަރަށް ބަލާ ތަފާތު އެކި ފިޔަވަޅުތައް އަޅާ، މީގެ ކުރިން އަޅާފައި ހުރި ފިޔަވަޅުތައް ވެސް ވަރުގަދަ ކުރެވެމުންދާކަމަށެވެ.

މަގުމަތީގައި ހިނގާބިގާވެ ނޫޅެވޭ، އަދި އުޅަނދުފަހަރު ނުދުއްވޭ ވަކި ގަޑިއެއް ކަނޑައަޅާފައިވާއިރު އެ ގަޑިތަކަކީ އެއީ މަޖުބޫރީއެއްގެ ގޮތުގައި ނުދެކުމަށް ޑޮކްޓަރ އިލްތިމާސް ކުރެއްވިއެވެ. އެގޮތުން މިއީ ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކުމަށާއި 24 ގަޑިއިރު ރާއްޖެ ބޮޑު ލޮކްޑައުންއަކަށް ނުގޮސް އޮތުމަކީ އެއީ ބޮޑު ނަސީބެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. ނަމަވެސް، އެންމެ މީހަކަށް ވެސް ކުރެވޭ ކަމަކުން އެފަދަ ހާލަތަކަށް މާލެ ދިއުމަކީ އެކަށިގެންވާ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

ފާއިތުވީ ދެ ދުވަހު ވެސް ތިން ގަޑިއިރަށް މާލޭގައި ވަނީ ކާފިއު ހިންގާފައެވެ. އެހެން ނަމަވެސް، މީހުން މަގުތަކަށް އެ ގަޑިތަކުގައި ވެސް ނިކުމެފައިވާތީ ފުލުހުން ވަނީ އެ މީހުން ހުއްޓުވާ ނަސޭހަތް ދީފައެވެ. އެގޮތުން މިއަދު ވެސް ކާފިއު ހިންގި ގަޑިތައްކަމަށް ވާ ހަވީރު 5 އިން ފެށިގެން 8 ޖެހުމާއި ހަމައަށް 141 މީހަކު އެވަގުތު ބޭރުގައި އުޅުމުން ފުލުހުން އެމީހުން ހުއްޓުވިއެވެ.

މީހުން ހުއްޓުވަން ޖެހުނު ނިސްބަތުގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވާ ޑރ. މުރާދު ވިދާޅުވީ ކާފިއުގެ ވަގުތުގައި ގޭގައި ތިބެންވީ އެއީ މަޖުބޫރެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާއި އެއީ ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ރައްޔިތުން ދެކެން ޖެހޭ ކަމަށެވެ.

މުޖްތަމައުއިން ފެންނަ މަންޒަރުތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އޭނާ ވިދާޅުވީ މިހާރު އާއްމުންގެ ފަރާތުން ފެންނަނީ މަޖުބޫރުވެގެން ތިން ގަޑިއިރަށް ގޭގައި ތިބެފައި އެވަގުތު ނިމޭ އިރަށް ނިކުމެ އަނެއްކާވެސް ހަލަބޮލިވާ މަންޒަރު ކަމަށެވެ.

”އެހެން ވީމަ އެއީއެއް ނޫން މިކަމުގެ ބޭނުމަކީ. މިކަމުގެ ބޭނުމަކީ، މިއި އަޅުގަނޑުމެން އެންމެންގެ ވެސް ހަމަ ރައްކާތެރިކަމުގެ ގޮތުން އެޅޭ ފިޔަވަޅުތަކާއި ކަންތަކެއް ވީމަ އެކަންތައް އެގޮތުގައި ބަލައިގަނެ، ކޮންމެ ގަޑިއެއްގައި ވެސް އަޅުގަނޑުމެން މިކިޔާ ދުރުމިން، އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭ ވަރަށް އަޅުގަނޑުމެންގެ ކަންތައްތައް ނުވަތަ އަމަލުތައް ބެހެއްޓުން. އެއީ ވަރަށް މުހިއްމު ކަމެއް“ ޑރ. މުރާދު

ޑރ. މުރާދު ވިދާޅުވީ ދާދިފަހުން ވެސް ފެނިގެން ދިޔަ މަންޒަރުތަކުން ބޭންކުތައް ކައިރީ ހަދާފައި އޮތް ކިއުގައި ވެސް އެއްވެސް ދުރުމިނެއް ބެހެއްޓިފައި ނެތް ކަމަށެވެ. ކޮންމެ މީހަކުވެސް މިއީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އަމިއްލަ ނަފްސާއި އާއިލާ އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް ފަރުދީ ޒިންމާ އަދާކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ކުރި އިއުލާނުގައި އެނޫން ވަގުތު ތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނައިން، އެކުގައި އާއްމު ތަންތަނަށް ނުކުމެ އުޅުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެން ނަމަވެސް، މަގުމަތީން ފެންނަ މީހުން މަދެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަގުމައްޗަށް ނިކުންނައިރު ހަތަރު ވަނަ މީހަކާއި އެކީ އުޅުމަކީ ތިމާ ޖަލަށް ދާން ޖެހިދާނެކަމަށް ހީވާ ވިސްނުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އެންމެންވެސް މަސައްކަތް ކުރަންވީ، އެންގުންތަކަށް ބޯލެނބުމަށް ކަމަށާއި، އެއްވެސް މީހަކީ އެއީ ޖަލަށް ލެވޭނެ މީހެއްގެ ގޮތުގައި ބިރެއް ދެއްކުމަށް ބޭނުމެއް ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: