ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުރުރާސްތާ ޕްލޭނަކާއެކު، ކުރިމަގަށް ތަސައްވުރުކުރާ މާލޭ ސިޓީގެ ސިފަތައް ސިޓީ ކައުންސިލުން ހާމަކޮށްފި

ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި، މި އަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިމަގަށް ތަސައްވުރުކުރާ، މާލެ ސިޓީގެ ސިފަތައް ގާއިމްކުރުމަށް މާލެ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، މާލޭ ސިޓީ ކައުންސިލުން ދުރުރާސްތާ ޕްލޭނެއް ފާސްކޮށް ރޭ އާންމުންނަށް ދައްކާލައިފިއެވެ.

މި ޕްލޭން ތަޢާރަފުކުރީ، ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި، މި އަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައެވެ. އަރބަން ސްޓްރެޓެޖީ 2030/2050 ގެ ނަމުގައި އެކުލަވާލެވުނު މި ޕްލޭންގައި، ކުރިއަށް އޮތް 25 އަހަރަށް ކުރެވޭ ތަސައްވުރަކީ މާލޭ ސިޓީއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ، ޖަޒީރާ ސިޓީއަކަށް ހެދުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި މަންޒިލަށް ވާސިލުވުމަށް ކައުންސިލުން ވަނީ، 3 ދާއިރާ އަކުން 8 އިސްތިރާޖެއް އެކުލަވަލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިމާވެށީގެ ދާއިރާއިން، ހަލުއި ފިނި ސިޓީއެއް ގާއިމްކުރުމާއި އިގްތިސާދުގެ ދާއިރާއިން، ބަދަލުތަކަށް އިޖާބަދޭ ފާގަތި ސިޓީއެއް ގާއިމްކުރުމާއި، އިޖުތިމާއީގެ ދާއިރާއިން، އެންމެން ހިއްސާވާ އަމިއްލަވަންތަ، އަމާން އަދި ރައްކާތެރި ސިޓީއެއް ގާއިމްކުރުމެވެ.

ހަލުއި ސިޓީގެ އިސްތިރާޖުގެ އަމާޒަކީ، އެންމެހާ ފަރާތްތަކަށް މާލެ ތެރޭގައި ހިނގައިފައި އަދި ދަތުރުފަތުރުކޮށް އުޅުމަށް ފަސޭހަކޮށްދިނުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން އަމިއްލަ އުޅަނދުތަކަށް ބަރޯސާވާ މިންވަރު މަދުކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމާއި، ހިނގައިބިނގައިވެ އުޅުމަށާއި އެކި ތަންތަނަށް ދިޔުން ފަސޭހަކުރުމުގެ އިތުރުން، ޕާކުކުރުމުގެ ފުރިހަމަ ހައްލުތަކެއް ހޯދައިދިނުން ހިމެނެއެވެ. އެގޮތުން، އެއްގަމު އުޅަނދުގެ އަދަދު ކަނޑައަޅައި ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ ސިޔާސަތު އެކުލަވައި ތަންފީޒުކުރުމާއި އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި ޕާކިންގް މައްސަލައަށް ހައްލު ހޯދައިދިނުމުގެ ތެރެއިން، ޕާކިންގ ބިލްޑިންގ ތަރައްގީކުރުމާއި ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ޓްރެފިކް ޕްލޭންކުރުމާއި މާލޭގެ ބަނދަރުތަކާއި ގިމަތަތައް ތަރައްގީކުރުމެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ފިނި ސިޓީގެ އިސްތިރާޖީ އަމާޒަކީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ސިއްހަތަށް ފައިދާހުރި، ހިތްފަސޭހަ މާޙައުލެއް ގާއިމުކުރުމެވެ. އަދި މާލެ ފިނިކުރުމާއި، ތިމާވެށީގެ ގޮންޖެހުންތަކަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމެވެ.

ބަދަލުތަކަށް އިޖާބަދޭ ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ، ތަރައްގީގެ މަޝްރޫއުތަކަކީ ބަދަލުވަމުންދާ ހާލަތުތަކާއި އެއްގޮތަށް ބައްޓަންކުރެވޭ އަދި ހާލަތާއި ގުޅޭގޮތަށް އިޖާބަދޭ ސިޓީއަކަށް ހެދުމެވެ. އެގޮތުން އެކަށީގެންނުވާ ގޮތަށް ބޭނުންކުރަމުން އަންނަ ބިންތައް ވަކިން ހާއްސަކޮށް، އާންމުންނަށް އުނދަގޫވާނެ ފަދަ ސިނާއީ މަސައްކަތްތަކާއި އުޅަނދުފަހަރަށް ހިދުމަތްދޭ ތަންތަން، ޓިންކަރިންގް، އަދި އަލިފާން ހިފާ ފަދަ ނުރައްކާތެރި މުދާ ރައްކާކުރާ ގުދަންތައް، ސިނާއީ ސަރަހައްދުތަކަށް ބަދަލުކުރުމެވެ. އަދި ބިން ބޭނުންކުރާ ގޮތް ތަރުތީބުކޮށް އެންމެ ފުރިހަމަ ގޮތެއްގައި ބޭނުންނުކުރެވި ހުރި ބިންތައް އިޖުތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ، ބަދަލުވަމުންދާ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދޭގޮތަށް އަލުން ތަރައްގީކުރުމެވެ.

އޭގެ އިތުރުން، ފާގަތި ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ އިގްތިސާދީ ކުރިއެރުވުމާއި ތަފާތު ވިޔަފާރިތައް ސިންދަފާތު ކުރުމާއި އިގްތިސާދީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން އެކި ދިމަދިމާއަށް ބެހިގެންދިޔުމުގެ ބަދަލުގައި، އެއް ބާވަތެއްގެ މަސައްކަތްތައް، އެއް ސަރަހައްދަކަށް ޒޯނުކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ހޯދައި، އެ ފަދަ ވިޔަފާރިތަކަށް ހާއްސަ ސަރަޙައްދުތަކެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެންމެން ހިއްސާވާ ސިޓީއެއްގެ އިސްތިރާޖުގެ އަމާޒަކީ، އެންމެންގެ ބައިވެރިވުން ހިމެނޭ، ހަމަހަމަ ފުރުސަތުތަކެއް އޮތް ސިޓީއަކަށް ހެދުމަށް ބާރުއެޅުމަށް ގެދޮރާއި ވަޒީފާގެ އިތުރުން، އާންމު އިޖުތިމާއީ ބައްދަލުވުންތަކަށް ބޭނުންވާ ތަންތަން، ނުވަތަ ތަރޑް ސްޕޭސް، ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ ބޭނުންތަކަށް އެކަށޭނަ ހައްލުތައް ހޯދައިދިނުމެވެ.

އަމިއްލަވަންތަ ސިޓީގެ އިސްތިރާޖަކީ، މާލޭގެ މުއްސަނދި ތާރީޚާއި އަމިއްލަވަންތަ ސިފަތައް ފާހަގަކޮށް، އެ ކަންކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމެވެ. މި އިސްތިރާޖުގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ސަގާފީ ކަންކަން ފުޅާކުރުމާއި އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

އެ ކައުންސިލުން ބުނި ގޮތުގައި، އަމާން އަދި ރައްކާތެރި ސިޓީއެއްގެ އިސްތިރާޖު ބިނާވެފައިވަނީ، މާލެއަކީ ދިރިއުޅެން ފަހި، ރައްކާތެރި އަދި އަމާން ވެށްޓަކަށް ހެދުމުގެ މައްޗަށެވެ. މީގެ ތެރޭގައި މުޖުތަމައުގައި އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހާއްސަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިޖުތިމާއީ އަދާލަތު ގާއިމްކޮށް އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ކޮންމެ ރައްޔިތަކަަށް ވެސް ބިރުވެރިކަމެއް ނެތި އަމާންކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އިސްކަންދިނުމެވެ.

އިދާރީ ހިންގުން މި އިސްތިރާޖަކީ އެ ޕްލޭންގައި ކަނޑައެޅި އެހެން އިސްތިރާޖުތައް ހާސިލުކުރުމަށް ޓަކައި ކައުންސިލު ހިންގުމުގެ އޮނިގަނޑު، ބަޖެޓް އަދި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ކުރިއަށް ގެންދިއިމެވެ. މީގެ ތެރޭގައި ކައުންސިލް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށް އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރުމާއި، ޕްލޭނިންގ ގަވައިދުތަކާއި ސިޔާސަތުތައް ހަރުދަނާކުރުމާއި ޑޭޓާ ސިސްޓަމްތަކާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމާ ނިޒާމު ހަރުދަނާކުރުމާއި، ބަޖެޓް މުރާޖައާކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ގާއިމްކޮށް ތަފާތުކުރުން ނައްތައިލުމާއި، ރައްޔިތުން ބައިވެރިކުރުން އިތުރުކުރުމަށް ސިޔާސަތުތައް އެކުލަވައިލައި، ޓައުންހޯލް ބައްދަލުވުންތައް ބޭއްވުމާއި ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޓަކައި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: