ކޮންގްރެސް ޕާޓީން މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި ސްކޫލަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެދުނީ އަމިއްލައަށް ކަމަށާއި އެ މަޝްވަރާ މިހާރު ނިމިފައިވާ ކަމަށް އެ ޕާޓީމް ބުނެފިއެވެ.
ކޮންގްރެސް ޕާޓީގެ އަމީންއާއްމު މޫސާ ފަތުހީ ”ސަންގަށް“ ވިދާޅުވީ އެ ހަމަނުޖެހުމަކީ އެ ޕާޓީން ހިންގި ކަމެއް ނޫން ނަމަވެސް އެއީ އެ ޕާޓީގެ ހަރަކަތެއްގައި ހިނގި ކަމަކަށް ވާތީ އެކަމުގެ ޒިންމާ ޕާޓީން ނަގަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމުގައި ސްކޫލަށާއި އެ ސްކޫލުގެ މުދަލަކަށްވެސް ގެއްލުމެއް ލިބިފައިވާނަމަ އެކަންވެސް ބަލައި އެ ބަދަލު ދޭން އެދުނީ އަމިއްލައަކަށް ކަމަށް ވިދާޅުވިއެވެ.
ފަތުހީ ވިދާޅުވީ ސްކޫލާއި އެޕާޓީއާއި އެއްވެސް މައްސަލަައެއް ނުޖެހޭ ކަމަށާއި، މި މަޝްވަރާތައް އޮތީ މާކުރިން ނިމިފައި ކަމަށެވެ.
”މިކަން އޮތީ މާކުރިން ނިމިފައި. އަޅުގަނޑުމެން އަމިއްލައަށް ގަބޫލުކުރީ އަޅުގަނޑުމެން ކުރި ކަމެއް ނޫނަސް އަޅުގަނޑުމެންގެ އިވެންޓެއްގައި ހިނގިކަމެއް ވީމާ ގެއްލުވި ތަންތަން މަރާމާތުކުރުމަށް. ސްކޫލާއި އަޅުގަނޑުމެންނާއި މައްސަލައެއްވެސް ނުޖެހޭ“
މި މާރާމާރީ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ތިން ދިވެހި ފިރިހެނުންނެވެ.
މި ހަމަނުޖެހުމުގައި ދެ ގްރޫޕެއްގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިންގާފައިވާ އިރު، އެކަކު އަނެކަކަށް ހަމަލާދިނުމަށް ގޮނޑި ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި ކާމިލް ދީދީ ސްކޫލުގެ ބައެއް ތަކެއްޗަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލުބުނެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

