ރައީސް ޔާމިންއަށް ކޮށްފައިވާ ޙުކުމަކީ، ކަނޑައެޅިގެން، ޒާތީ ހަސަދައެއް ފިލުވަލުމަށްޓަކައި އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ގެއްލުވައިލުމަށް ސަރުކާރުން އިސްވެއޮވެގެން ކުރަމުންގެންދާ ކަމެއްކަމާދޭތެރެއަކު ޝައްކެއްނުކުރާކަމުގައި ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމިނަށް ކޮށްފައިވާ ޙުކުމަކީ ކަނޑައެޅިގެން، ޒާތީ ހަސަދައެއް ފިލުވައިލުމަށްޓަކައި، އަދި ރައީސް ޔާމީނު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުންގެއްލުވާލައި، އެ މަނިކުފާނުގެ އަގު ވައްޓަލުމަށްޓަކާ މިއަދުގެ ސަރުކާރުން އިސްވެއޮވެގެން ކުރަމުންގެންދާކަމެއްކަމާ ދޭތެރެއަކު ޝައްކެއްނުކުރައްވާކަމަށާއި، އެއީ ޤަބޫލުކުރާގޮތްކަމަށާއި، އަދި ދިވެހި ރައްޔިތުންގެތެރެއިން ވެސް ގިނަބަޔަކު ޤަބޫލުކުރަނީ މި ގޮތަށް ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމިނުގެ ޝަރީޢަތް ހިނގާދިޔަގޮތަށް ބަލާއިރު، ޙުކުމެއް އަންނަ އެއްވެސްކަމެއް ސާބިތުވާނެކަމަކަށް، ޤާނޫނީ އެއްވެސް ޢިލްމުވެރިއަކު އެއްބަސްވެވަޑައެއްނުގަންނަވާނެ ކަމަށާއި، އެ ޝަރީޢަތަކީ، ސަރުކާރުން ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ޝަރީޢަތެއްކަމަށެވެ.
މީގެ އިތުރުން، ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީނުގެ ޝަރީޢަތް ހިނގަމުން ވަކި ހިސާބަކަށް ގޮސް ޙުކުމްކުރަން 3 ގަޑިއިރެއްހައިރަށްވެފައި ހުއްޓާ، ޝަރީޢަތް ކުރެއްވި ފަނޑިޔާރު ސަސްޕެންޑްކޮސް އަލުން އާ ބެންޗެއް އެކުލަވާލައިގެން ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
”އެ ޝަރީޢަތަށް ބަލާއިރު، އެ މަނިކުފާނުގެ މައްޗަށް ޙުކުމެއް އަންނަ އެއްވެސްކަމެއް ސާބިތުވާނެކަމަކަށް، ޤާނޫނީ އެއްވެސް ޢިލްމުވެރިޔަކު އެއްބަސްވެވަޑައެއް ނުގަންނަވާނެ. މިއީ ހަމަ ކަނޑައެލިގެން ސަރުކާރުން މީގެތެރެއަށް ނުފޫޒު ފޯރުވައިގެން ހިންގާފައޮތް ޝަރީޢަތެއް. އެކަން އަޅުގަނޑުމެން މި ގެންދަނީ ތަފާތު އެކިއެކި ފޯރަމްތަކުގައި ހާމަކުރަމުން. އޭގެ ސަބަބުތަކަކީ ކޮބައިކަން މި ދަންނަވަނީ، މި ދަނީ ވަރަށް ތަފްސީލުކޮށް ދަންނަވަމުން. އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރާކަމަކީ، އެ މަނިކުފާނުގެ ޝަރީޢަތް ހިނގަމުން ގޮސް ވަކި ހިސާބަކަށް ދަންދެން، އެ ޝަރީއަތް މި ޝަރީއަތް ކުރެއްވި ފަނޑިޔާރު ޙުކުމްކުރަން 3 ގަޑިއިރެއްހާއިރަށް ކައިރިވެފައޮއްވާ ސަސްޕެންޑްކޮށްފަ އަލުން އާ ބެންޗެއް އެކުލަވާލައިގެން، ޝަރީޢަތް ކުރިއަށް ގެންދިއުން..“ ޢަބްދުއްރަޙީމް
ޢަބްދުއްރަޙީމް ވިދާޅުވީ، ސުލުކީ މައްސަލައެއްކަމަށް ބުނެ ފަނޑިޔާރު ހައިލަމް އެކަހެރިކޮށް، އަލުން މި މައްސަލަ ބައްލަވަން ހަވާލުވެވަޑައިގެންނެވި، އިސް ފަނޑިޔާރުވަނީ ހިނދުކޮޅެއްގެތެރޭގައި ޤާނޫނާއި ޚިލާފުވެވަޑައިގެންފައިކަމަށާއި، އެކަމާ ގުޅިގެން ރައީސް ޔާމިނުގެ ވަކީލުންގެ ފަރާތުންނާއި، ޕާޓީގެ ފަރާތުން ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން، އެ މައްސަލައަށް ބެއްލެވުމެއްނެތި ޝަރީއަތް ނިންމާލާފައިވާކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ކޮރޯނާގެ ނުރައްކާތެރި ވަބާއާއި ގުޅިގެން މި ވަގުތު ޖަލުތަކުގައި ތިބި ސިޔާސީ ހައްޔަރީން މިހާރުން މިހާރަށް މިނިވަންކުރަން އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލަފައިވާކަމަށެވެ. މި ގޮތުން، ރައީސް ޔާމީނަކީވެސް ސިޔާސީ ހައްޔަރީއެއްކަމަށް ޤަބޫލުކުރައްވާކަމަށާއި، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި މިކަން ސިޔާސީކުރަން ނޫޅުއްވާކަމަށެވެ.
”މިއާއެކީގަ ދެން، ދަންނަވާލަން ބޭނުންވަނީ ދުނިޔެއަށް މި ކުރިމަތިވި ކޮރޯނާގެ ނުރައްކާތެރި ވަބާއާއި ގުޅިގެން އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެބައޮތް ގޮވާލާފަ މި ވަގުތު ޖަލުގަ ތިއްބެވި ސިޔާސީ ހައްޔަރީން މިހާރުން މިހާރަށް މިނިވަންކުރަން. އަޅުގަނޑުމެން ޤަބޫލުކުރަނީ ރައިސް ޔާމީން އެއީ ސިޔާސީ ހައްޔަރީއެއްކަމަށް.“ ޢަބްދުއްރަޙީމް
ޢަބްދުއެްރަޙިމް ވިދާޅުވީ، މިފަދަ ހާލަތެއްގައި ވެސް، ނުހިފެއްޓޭނެކަމަށް ބުނާ ޙައްޤުތަކެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށާއި، އޭގެތެރޭގައި ޢަދުލުވެރިކަމައެކީގައި ޝަރީޢަތްކުރުމާއި، އިންސާފު ހޯދައިދިނުމާއި، މީހުންގެ ޙައްޤުތައް ރައްކަތެރިކޮށްދިނުން ހިމެނޭކަމަށެވެ.
މި ގޮތުން ބަލާއިރު ރައީސް ޔާމިނުގެ ޙައްޤު، އެ މަނިކުފާނަށް މިއަދުވަނީ ގެއްލިފައިކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުމަކީ، ރައީސް ޔާމިނު ނުޙައްޤުން ޖަލުގައި އެތައްދުވަހެއް ގުނަމުންދާތީ، އެކަމާދޭތެރޭގައި އޮތް ކަންބޮޑުވުންކަމަށް ވެސް ޢަބްދުއްރަޙީމްވަނީ ވިދާޅުވެފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، އިސްތިއުނާފުގެ މަރުހަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި، ރައީސް ޔާމިން ކަފާލާތަށް އެދިވަޑައިގަތުމުން، ކަފާލާތު ލިބެން ފެނިވަޑައިނުގަންނަވާކަމަށް ފަނޑިޔާރުންގެ ބެންޗުން ނިންމެވިއިރު، މި މައްސަލައަކީ ދިގުދެމިގެންދާނެ މައްސަލައަކަށް ނުވާތީ އެ ގޮތަށް އެ ބޭފުޅުން ނިންމާފައިވާކަމަށާއި، ކޮރޯނާ ވައިރަސްއައި ގުޅިގެން އަޑުއެހުމެއް ނުބޭއްވި އެތައްދުވަހެއް މިހާރު ފާއިތުވެފައިވާކަމަށެވެ.
ނަމަވެސް މިފަދަ ހާލަތެއްގައި ވެސް އިންސާފު ލިބުމަކަށް ހުރަސްއެޅިގެން ނުވާނެކަމަށާއި، ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްގެންއުޅޭއިރު ވެސް އަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤެއް ނުހިފެއްޓޭނެކަމަށާއި، މިހާރު އިޢުލާނުކުރައްވައިގެން މިއުޅެނީ އެކަހަލަ ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނުކޮށްގެން ނޫންކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
”އެހެންވީމަ އޭގެފަހުން އަޑުއެހުމެއް ނުބާއްވާ މި ކޮރޯނާ ވައިރަސްއާ ގުޅިގެން އެތައްދުވަހެއް ފާއިތުވެގެން މި ދިޔައީ، އަޅުގަނޑުމެން ޤަބޫލުކުރާގޮތުގަ މީ އެއްގޮތަކަށް ވެސް ވެގެންވާނެގޮތެއްނޫން. އިންސާފު ލިބުމަކަށް ހުރަސް އެޅިގެންނުވާނެ. މިފަދަ ހާލަތެއްގައެއް. އެއީ ޤާނޫނުއަސާސީގަ ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްގެން އުޅޭއިރުވެސް، ޢަދުލުވެރިކަމާއެކީގައި ޝަރީޢަތްކުރުމުގެ ޙައްޤެއް ނުހިފެއްޓޭ. އެހެންވީމަ މީކީ އަދި އެކަހަލަ ކުއްލި ނުރައްކަލުގެ ހާލަތެއްނޫން އިޢުލާނުކުރައްވައިގެން މިއުޅެނީކީއެއް. ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރައްވައިގެން މި އުޅެނީ، އުޅޭއިރު މި ޙައްޤު ހިފެހެއްޓިދާނެކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން.“ ޢަބްދުއްރަޙީމް
މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ، ސަރުކާރު ބަންދުވެފައި އޮތް ނަމަވެސް، މިހާރުވެސް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދާކަމަށެވެ. މި އުސޫލުން ބަލައިފިނަމަ، މިހާރު ދުނިޔެ ހޯދާފައިވާ ޓެކޮނޮލޮޖީގެ ބޭނުން ހިފައިގެން ރައީސް ޔާމިނުގެ ޝަރީޢަތުގެ އަޑުއެހުންތައް ވެސް ކުރިއަށްގެންދެވެންވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ޢަބްދުއް ރަޙީމް ވިދާޅުވީ، މި އުސޫލުގެދަށުން ވީހާވެސް އަވަހަކަށް ރައީސް ޔާމިނުގެ ޝަރީޢަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްދެއްވުމަށް، ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށާއި، ޝަރުޢީ ކޯޓުތަކަށް ގޮވާލާކަމަށެވެ.
”ހަމައެއާއެކީގަ ދެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިއަދު އަޅުގަނޑުމެންނަށް އެބަފެނޭ، އަދި މި ސަރުކާރު ބަންދުވެފައި އޮތް ނަމަވެސް، މި ރައްޔިތުންގެ މަޖިލިސް ވެސް، މިއަދު އެބަގެންދޭ ކުރިއަށް، ހަމަ އެ އުސޫލުން، މިހާރު ދުނިޔެ ހޯދާފައިވާ ޓެކޮނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ހިފައިގެން މި ޝަރީޢަތުގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދެވެންވާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. އެހެންވީމަ ހަމަ މިރޭ އަޅުގަނޑުމެން މީޑިއާ މެދުވެރިކޮށް ޝަރުޢީ ދާއިރާގަ މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝަރުޢީ ކޯޓުތަކަށް ގޮވާލަން، ވީހާ އަވަހަކަށް މި ދެންނެވި އިންތިޒާމު ހަމަޖައްސަވައިގެން ރައީސް ޔާމީނުގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްދެއްވާށޭ.“ ޢަބްދުއްރަޙީމް
ޢަބްދުއްރަޙީމް ވިދާޅުވީ، މިހާރުން މިހާރަށް ވެސް ރައީސް ޔާމިނު ގެއަށް ބަދަލުކޮށްދެއްވުމަށް ވެސް ގޮވާލާކަމަށާއި، އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާއިންނާއި، ދުނިޔޭގެ ޢިލްމުވެރިންގެ ޖަމްޢިއްޔާއިންވެސް ވަނީ މިފަދަ ހާލަތެއްގައި ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ގޮވާލާފައިކަމަށެވެ.

