ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކަމެއިލްކޮށް ތިންލައްކަ ހޯދިކަމަށް ތުހުމަތުވި މުހައްމަދު ފަވާޒު ލުތުފީގެ މައްސަލަ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ޖިންސީ ކުށުގެ ގާނޫނުގެ 35ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސ. ފޭދޫ، ލިލީގަސްދޮށުގެ، ފަވާޒު ލުތުފީއާ މައްޗަށް ބްލެކްމެއިލް ކުރުމުގެ ދައުވާ އުފުލީ އަންހެނަކަށް ހެދިގެން މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް އޮރިޔާން ކާޑު/މަންޒަރު ހޯދައި އެތަކެތި ބޭނުންކޮށްގެން އެހެން މީހަކު ބަލެކްމެއިލް ކުރި ކަމަށް ތުހުމަތުކޮށެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުގެ 115 ވަނަ މާއްދާ ދަށުން މި މައްސަލަ މަދަނީ މިންގަޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ ދައުވާ ބާތިލްކޮށްފައެވެ. ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ ބަލެކްމެއިލް ކުރުމުގެ ކުރިން ސީދާ ޖިސްމާނީ/ މާއްދީ ބީހުމެއްގެ ”ޖިންސީ އަމަލެއް“ ހިނގައިފައި ނުވާ ކަމަށެވެ. އަދި މިކަމުގައި ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ވަނީ ތާއިދުވެސް ކޮށްފައެވެ.
ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، މުވާސަލާތީ އަދި ޑިޖިޓަލް ވަސީލަތެއް ބޭނުންކޮށްގެން އޮރިޔާންކާޑު ހޯދައި އެއިން ބަލެކްމެއިލް ކުރުމުގެ އަމަލަކީ ޖިންސީ ކުށުގެ ގާނޫނުގެ 35 ވަނަ މާއްދާއާއި 9 ވަނަ މާއްދާގެ ދަށުން ”ޖިންސީ އަމަލެއް“ ކަމަށް ބެލެވި އެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.
މައްސަލަ ބަލައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 9 ވަނަ މާއްދާގައި 35 ވަނަ މާއްދާ އެކުގައި ކިޔައި މާނަކުރާއިރު ”ޖިންސީ އަމަލު“ އަކީ ހަމައެކަނި ސީދާ މާއްދީ ބީހުމަކަށް ނުވަތަ ޖިންސީ ގުނަވަންތަކުގެ މެދުގައި ހިންގާ އަމަލުތަކަށް އެކަނި ހަނިކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަށިގަނޑުގައި އަތްލުމަކާ ނުލައިވެސް މީހެއްގެ ހަށިގަނޑަށް އަމާޒުކޮށްގެން ނުވަތަ ޖިންސީ ތަސައްވުރެއް އުފެދޭގޮތަށް މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ހިންގާ އަމަލުތަކާއި އޮރިޔާންކާޑު ބަދަލުކުރުމުގެ އަމަލުތައްވެސް ”ޖިންސީ އަމަލު“ގެ ދާއިރާގެ ތެރެއަށް ވަންނާނެ ކަމަށް ކަނޑައަޅާފައިވެއެވެ.
އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން ހެކި ވަޒަންކުރާއިރު ބަލަންޖެހޭނީ މައްސަލަ ކުރިއަށް ގެންދިއުމަށް ފުދޭ މިންވަރުގެ ހެކި ހުރިތޯއެވެ. ދެ ފަރާތުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކާއި މެސެޖުތަކާއި، ފޮރެންސިކް ރިޕޯޓްތަކަށް ބަލާއިރު، ޖިންސީ ނިޔަތެއް އޮތްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބެލޭނެ އެކަށީގެންވާ ހެކި ހުށައެޅިފައިވާކަން އެނގޭ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެވަޑައިގަތީ ފަވާޒްގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށުކޯޓުން ނިންމި ނިންމުންތައް ބާތިލުކުރުމަށެވެ. އަދި ޕީޖީ އޮފީހުގެ ފަރާތުން ހުށައެޅި ބްލެކްމެއިލް ކުރުމުގެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށެވެ.
މީގެ އިތުރުން ފަވާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށް ޓަކައި މައްސަލަ ދަށު ކޯޓަށް ހުށައަޅައިފި ނަމަ މައްސަލަ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަންޖެހޭ ކަމަށް ކަނޑައަޅައި މައްސަލަ ވަނީ ނިންމައިފައެވެ.

