ކާބޯތަކެތި އިންސްޕެކްޓުކުރާ ފަރާތްތަކުގެ ތެރެއިން ސުލޫކީ މިންގަނޑުތަކާ ހިލާފުވާ އިންސްޕެކްޓަރުން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
ކާބޯތަކެއްޗާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އިން އާންމު ކުރި ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވައިދުގައި ވަނީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރުކުރާ ކާބޯތަކެއްޗާއި ރާއްޖޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދާ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުމަކީ އިންސްޕެކްޓަރުންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އިންސްޕެކްޓަރުން ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި ގަވައިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަކީ އެތެރެކުރުން މަނާ އެއްޗެއް ކަމަށް އެމްއެފްޑީއޭއަށް ގަބޫލުކުރެވިއްޖެ ނަމަ އެ ތަކެތި ތަހުލީލުކޮށް ނިމެންދެން ހިފެހެއްޓުމުގެ ބާރާއި އެ ތަކެތި ނައްތައިލުމާއި ހާލަތަށް ބަލައި އަނބުރާ ފޮނުވައިލުމުގެ ބާރު އިންސްޕެކްޓަރުންނަށް ގަވައިދުގެ ދަށުން ލިބެއެވެ.
އިންސްޕެކްޓަރުންގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ދަށްވެގެން ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި ބޭސިކް ފުޑް ސޭފްޓީ ތަމްރީނު ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއި ފަރިތަކަމާއެކު ދިވެހިބަހާއި އިނގިރޭސިބަހުން މުއާމަލާތުކުރަން އެނގުމެވެ. ނަމަވެސް މި ގަވައިދަށް އަމަލުކުރަން ފަށާއިރު އެމްއެފްޑީއޭގެ އިންސްޕެކްޓަރެއްގެ ގޮތުގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށްފައިވާ ފަރާތްތައް އެ ޝަރުތުތަކުން އިސްތިސްނާވާނެއެވެ.
އިންސްޕެކްޓަރުން ދޮގު މައުލޫމާތު އެމްއެފްޑީއޭއަށް ދިނުމާއި މާލީ މަންފާއެއް ހޯދުމާއި އިންސްޕެކްޓުނުކޮށް ގަވައިދަށް ނުފެތޭ ތަންތަނަކަށް ލައިސަންސް ދިނުމާއި އިންސްޕެކްޝަނަށް ނަގައިފައިވާ ހެއްކަކަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރުން މަނާވާނެއެވެ.
އެފަދަ ކަންކަން ކުރާ ފަރާތްތައް ކުރާ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، 5،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ގަވައިދުގެ ދަށުން އެމްއެފްޑީއޭއަށް ލިބިދެއެވެ.
ރާއްޖެއަށް ހުއްދަ ނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖުރިމަނާކޮށް އެ ބޭހެއް އެތެރެކުރި ބައެއްގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވައިދުގައިވެެއެވެ.

