ސަރުކާރުގެ ތެރޭގައި ހިންގާ އެންމެ ބޮޑު ކޮރަޕްޝަނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ބޭރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މުވައްޒަފުންގެ މައްސަލަކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ، ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު އެއީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. އެގޮތުން، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިނުގަންނަވާ ބާރެއް ބޭނުންކޮށްގެން މުވައްޒަފުން އައްޔަންކުރުމަކީ ދައުލަތުގެ ފައިސާއަށް ހިންގޭ ބޮޑު ހިޔާނާތެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ހިންގާ ސަރުކާރެއްގެ ތެރޭގައި ހިންގާ އެންމެ ބޮޑު ކޮރަޕްޝަނަކީ ނޫނީ ގާނޫނާއި ގަވާއިދުން ބޭރުން ކުރެވޭ ކަމަކީ ހަގީގަތުގައި ވެސް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނުލިބޭ ބާރެއް ބޭނުންކޮށްގެން އައްޔަންކުރާ މުވައްޒަފުން
މީގެ އިތުރުން، ދައުލަތުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގައި އިންތިހާއަށް އިސްރާފު ގިނަވެފައިވާކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެގޮތުން އޭނާ ވަނީ ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި އެޅި ތިން އިމާރާތެއްގެ މައްސަލަ ފާހަގަކުރައްވާފައެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި، އެ މަޝްރޫއު އިންހައުސްކޮށް ހިންގުމުގެ ސަބަބުން ދައުލަތުން 70 މިލިއަން ރުފިޔާ އިތުރަށް ހަރަދުވެދާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ. އަދި މިއީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށްވާ އިންހައުސްކޮށް މަސައްކަތް ކުރުމުގެ ސަބަބުން ކުރިމަތިވާ ގެއްލުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުގައި ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ވަގުތީ ވަޒީފާ ދިންކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، އެއީ އޭރުގެ ހާލަތަށް ބަލައި ސިޔާސަތެއްގެ ދަށުން ކުރި ކަމެއް ކަމަށެވެ. އޭގެ ސަބަބުން ހަރަދު ބޮޑުވެފައި ހުރެދާނެކަމަށް ގަބޫލުކުރެއްވި ނަމަވެސް، އެކަން ދިފާއުކުރުމުގެ ބަދަލުގައި ދައުލަތުގެ ފައިސާ ހަމަ މަގުން ހޭދަކުރުމުގެ މުހިންމުކަމަށް ބާރުއަޅާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

