މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ހެވާއި ލާބައަށްޓަކައި ދައްކަންޖެހޭ ޒަރޫރީ ވާހަކަފުޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ޚިޠާބާ ގުޅޭގޮތުން އުފެދިފައިވާ ބައެއް ސުވާލުތަކަށް ރައްދު ދެއްވަމުންނެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަގީގީ މިނިވަންކަން އިހުސާސް ކުރެވޭނީ ހަމައެކަނި ސިޔާސީ ގޮތުން ލިބޭ މިނިވަންކަމަކުން ނޫން ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޚާރިޖީ ސިޔާސަތު ބައްޓަންކުރަންވާނީ ދިވެހީންގެ މަސްލަހަތު އިސްކޮށް، އަމިއްލަ މުސްތަގިއްލުކަމާއެކު ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ބައެއް ސަރުކާރުތަކުގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވީ އެއްވެސް ފަރާތަކަށް އިހާނެތިކޮށް ހިތުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ މާޒީގައި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުގެ ވާހަކަފުޅުގައި އެއްވެސް އިރަކު ރައްޔިތުން ކުށްވެރިއެއް ނުކުރަން. ހުރިހާ ކަމެއްވެސް ކުރަނީ އިޚްލާސްތެރިކަމާއެކު ޤައުމު އިސްލާހުކުރުމަށް،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ އަމާޒެއް ހުރީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށެވެ.

