ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުން ބީއެމްއެލްއަށް 1.3 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް!

ބީއެމްއެލްގެ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކަށް 1.3 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާއިން ދައްކައިފިއެވެ.

ބޭންކުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަމައެކަނި މި އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ބީއެމްއެލްއަށް ވަނީ ލިބިފައެވެ. މިއީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ އަދަދުތަކެއްކަމަށް ބޭންކުން ދެކެއެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ޚަރަދު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 އިންސައްތައިގައެވެ. ބޭންކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުން، އާމްދަނީއާ އަޅާބަލާއިރު ހިންގުމުގެ ހަރަދު ވަނީ 28 އިންސައްތައިގައި ހިފެހެއްޓިފައެވެ.

ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، 30 ޖޫން 2026 އާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ދައްކުވައިދޭ ކަމެއްކަމަށް ބޭންކުން ފާހަގަކުރެއެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކުން އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއްކަމަށް ބޭންކުން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތަށް، ގައުމީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާ ކަމުގެ ފުރިހަމަ ޔަޤީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: