ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ފުޓުބޯޅަ ސްކޫލެއް އަޅަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދޫކުރި ބިމަށް ދައްކަންޖެހޭ ކުލި ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ސިވިލް ކޯޓުގައި އުފުލި ދައުވާ އަނބުރާ ގެންގޮސްފިއެވެ.
އެޗްޑީސީން އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ، ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީއެއް ތަރައްގީކުރަން ހުޅުމާލޭ ލޮޓް ނަމްބަރު ޑީ5-01 ބިން ދޫކުރަން 11 ޖުލައި 2018ގައި ހެދި އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމްއިން އެ ބިން ތަރައްގީނުކޮށް ފައިސާ ނުދައްކާތީ އެއްބަސްވުން ބާތިލުކުރުމުން ވެސް ކުލީގެ ފައިސާ ދައްކާފައި ނުވާތީއެވެ. އެއްބަސްވުން ބާތިލުކުރި އިރު ނުދައްކާ ހުރި ފައިސާގެ އަދަދު 8 މިލިއަން ރުފިޔާއަށް އަރައެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އެޗްޑީސީން ހުށަހެޅި އެ ދައުވާގައި ވަނީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއަކީ އެފްއޭއެމްއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަންގައި އަމުރުކޮށް، އެފްއޭއެމްއިން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބުނު އަދި ލިބެމުންދާ ގެއްލުންތަކަށް އެ އެސޯސިއޭޝަނުން ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލަ އަނބުރާ ގެންދިޔުމަށް އެދި އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ފޯމު ހުށަހަޅާފައިވަނީ މި ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު ކޯޓުން އެޗްޑީސީން އެދުނު ގޮތަށް މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފައެވެ.
މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އެޗްޑީސީ އާއި އެފްއޭއެމްއިން ވެސް ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް އެދިފައެވެ. ސިވިލް ކޯޓުގެ ނިންމުމުން އެނގޭ ގޮތުގައި، ދައުވާ އަނބުރާ ގެންދަން އެޗްޑީސީން އެދުނީ، އެފްއޭއެމްއާއެކު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރަމުންދާތީ މަޝްވަރާތަކުގެ އަލީގައި މައްސަަލަ ހައްލުނުކުރެވިއްޖެނަމަ ފަހުން ދައުވާ އަލުން ހުށަހެޅުމަށެވެ. އެފްއޭއެމްއިން ދައުވާއަށް ޖަވާބުދާރީވުމަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވާއިރު، ދައުވާ އަނބުރާ ގެންދިޔުމާމެދު ދެބަސްވެފައި ނުވެއެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޖަލަށްލާފައިވާ ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ރައީސަކަށް ހުރި އިރު، ފުޓުބޯޅަ ސްކޫލު އަޅަން ދިން ބިމުގައި އެކޮމޮޑޭޝަން ބްލޮކެއްގެ އެޅުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް، ފުޓުބޯޅަ ސްކޫލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، މިދިޔަ ސަރުކާރުގައި އެ ބިމުގެ ބައެއް ތަންތަން ވިޔަފާރިތަކަށް ސަބްލީސްކުރެވޭ ގޮތަށް އެއްބަސްވުން ބަދަލުކުރިއެވެ. އެފަހުން ވެސް އެފްއޭމްއެމްއިން ކުލި ދައްކަމުން ގޮސްފައިނުވާތީ، އެޗްޑީސީން ފަހުން ނިންމީ އެއްބަސްވުން ބާތިލުކުރާށެވެ.

