ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިއުލާންކުރައްވައިފިއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުން އިންތިހާބު ކުރާ ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލުމަށް ގަސްތުކުރައްވާ ކަމަށާއި ޕާޓީގެ މަތީ މަޖިލީހުގެ އެންމެހާ މެމްބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޖާއު ވަނީ އެ ޕޯސްޓުގައި އޭނާ އިތުރު ދައުރަކަށް އިންތިހާބުކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ސަބަބުތައް ވެސް ބަޔާންކުރައްވައިފައެވެ.
ޝުޖާއު ވިދާޅުވީ، 2013 އިން 2018 އަށް އޮތް ވެރިކަން ނިމުމާއެކު އޭރުގެ އަޑުގަދަ އެންމެން ޕާޓީން ފިލީ ކަމަށާއި އޭނާ އަކީ ނުފިއްލަވައި ރައީސް ޑރ. މުއިއްޒާއެކު އޮޑީގައި މަޑުކުރި މަދު މީހުންގެ ތެރެއިން އެކަކު ކަމަށެވެ.
އިދިކޮޅުގައި އޮތްއިރު ހިތްވަރައެކު ކެރިގެން އެމްޑީޕީއާ ދެކޮޅަށް އިސްވެ ނުކުންނަވަން ކެރިވަޑައިގަތް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އަދި ގަދަ ކަނޑުގައި އޮޑި ދުއްވި އިރު ވެސް ވަރުބަލިކަމެއް، ފޫހިކަމެއް ނެތި، ބޮޑާ ނުހާކައި، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕާޓީގައި ސާބިތުވެ ދެމި ހުންނެވިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާޓީގެ ވެރިކަމެއް ކުރެއްވުމަށް ޕާޓީގެ ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަވައި މަގާމުގެ ދަހިވެތިކަމަށް ވުރެ ޕާޓީގެ މަސްލަހަތު އަބަދުވެސް އިސްކުރުމަކީ އޭނާއަށް ވޯޓު ދެއްވަން ޖެހޭ ސަބަބެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ޕާޓީގެ އާންމު މެމްބަރުން ފޯނުން ގުޅުމުން އެންމެ ގިނައިން ޖަވާބު ދެއްވައި، މެމްބަރުންނަށް ޖަވާބުދާރީވެ، މެމްބަރުންގެ އުފަލާއި ހިތްދަތި ކަމުގައިވެސް ބައިވެރިވެވަޑައިގަންނަވާ އެކަކީ އޭނާ ކަމަށެވެ.
އޭނާ އަކީ ޕާޓީގެ ރައީސަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ކެރިގެން މަސައްކަތް ކުރައްވާނެ އެކަކު ކަމަށާއި އޭނާއާ ނުލައި ޕާޓީގެ ލީޑަރޝިޕް ފުރިހަމަނުވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ. ކޮންގްރެސްގެ އިންތިޒާމުތައް ބެލެހެއްޓުމަށާއި ކަންކަން ވިލަރެސްކުރުމަށް ޓަކައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއެއް ޕީއެންސީން މިދިޔަ ޖޫން މަހު ވަނީ އެކުލަވާލައިފައެވެ.
ޕީއެންސީގެ މަތީ މަޖިލީހަށް ރަށްރަށުގެ ރައީސުން، ނައިބު ރައީސުން، ޒުވާނުންގެ ގޮފީގެ ރައީސުން، އަންހެނުންގެ ގޮފީގެ ރައީސުން އަދި ސްޓިއަރިންގ ކޮމިޓީގެ މެމްބަރުން އިންތިހާބުކޮށްފައިވަނީ ޖުލައި 11 ވަނަ ދުވަހުއެވެ.

