މާލޭގެ ބޮޑުތަކުރުފާނުމަގު ބަލާލުމުން މިސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ފެންވަރު ފެންނާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ، އަމީނީ މަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފެންވަރު ކަމަށާއި، އެ މަގު އޮތްގޮތް އެންމެނަށްވެސް އެނގޭނެ ކަމަށެވެ. އަމީނީ މަގަކީ ނިމިދިޔަ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެއްކަން ފާހަގަކުރައްވައި، ބޮޑުތަކުރުފާނުމަގާއި އަމީނީ މަގާ ހުރި ތަފާތު އެންމެނަށްވެސް ފެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ މަގު ހެދުމުގެ މަސައްކަތް ހަވާލުކުރި ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވެ މަގު ބަންދުކޮށްފައި ނުބާއްވައި އެ މަގުގެ ނުނިމި ހުރި ސެގްމަންޓުތައް ނިންމާފައިވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
”އާރުޑީސީއިން އަމީނީމަގުގައި ތާރުއެޅުމުގެ ކެޕޭސިޓީހުރިކަމަށް ނިންމާ އިންޑިއާއިން މެނުއަލް މެޝިނެއް ގެނެސް ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ހަޤީގަތުގައި އަޅުގަނޑަކަށް ނޭނގެ އެއްވެސް ތަޖުރިބާއެއްނެތް ބަޔަކު މެނުއަލް މެޝިނެއް ގެނެސްގެން ބަހައްޓާފައި އެއިން ތާރުއެޅުމުގެ މަސައްކަތް މަގު ބަންދުކޮށްގެން ކުރީ ކީއްކުރަންކަމެއް. އެމަގު އޮތްގޮތް އެންމެނަށްވެސް ފެންނާނެ، އެމްޓީސީސީއިން ހަދާފައިވާ ބޭރުމަގު އެންމެނަށްވެސް ފެންނާނެ. އެމަގުގައި ދުއްވާލުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މަގުގެ ކޮލިޓީ ބައްލަވާލަން ވަރަށް އެދެން“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބޮޑުތަކުރުފާނުމަގުގެ ފެންވަރަށް އަމީނީ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އަމީނީ މަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށުމަށްޓަކައި ރޭ މެންދަމު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް، އާންމު ދަތުރުފަތުރަށް މަގު ވަނީ ބަންދުކޮށްފައެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. ޓެކްނިކަލް ފަރާތްތަކުން ލަފާކުރާ ގޮތުގައި މި މައްސަލަ ދިމާވީ ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންނެވެ.
މިހާރު ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއެކު، މަގުގެ ދިގުދެމިގެންދާ ފެންވަރު ރަނގަޅުވެ، އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

