މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ މަގާމުން ވަކިކުރަން ކަރެކްޝަންސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމުގައި ވަނީ އާސިފް ޕްރިޒަންސް ކްލަބުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި ޕްރިޒަންސް ކްލަބުގެ ފައިސާ ބޭނުންކޮށްފައިވަނީ އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ކަރެކްޝަންސްގެ ވަޒީފާއާ ބެހޭ ގަވައިދާ ހިލާފަށް އަމިއްލަ ބޭނުންތައް ހާސިލުކުރުމަށް ކަމަށް ސާބިތުވާ ކަމަށެވެ.
އެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ، އާސިފް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭނާގެ ވަޒީފާ 10 މެއި 2026 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި އަލުން ރުޖޫއަކޮށްދިނުމަށް ކަރެކްޝަންސްގެ މައްޗަށް ސިވިލް ކޯޓުން އޮތީ އަމުރުކޮށްފައެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައި ހުރި މުއްދަތަކަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަންގާފައިވެއެވެ.
ނަމަވެސް، ކަރެކްޝަންސްގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައި، އެ އިސްތިއުނާފީ މައްސަލަ ނިމެންދެން އާސިށް ވަޒީފާ އަލުން ރުޖޫއަކޮށްދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.
ދައުލަތުން ނެރެދޭން އެދުނު ހުކުމް ތަންފީޒުކުރަން ފަސްކުރުމުގެ އަމުރާ ގުޅިގެން ހައިކޯޓުން ނިންމީ، ސިވިލް ކޯޓުން ކުރި ހުކުމް ފަސްކުރުމުގެ އަމުރެއް ނުނެރެފިނަމަ ދައުލަތުގެ މަސްލަހަތަށް އުނިކަން އަންނާނެ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން އެންމެ އަދުލުވެރި ގޮތަކީ ދައުލަތުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރުނު ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
ވަގުތީ އަމުރަށް ޖަވާބެއް ހުށަހަޅަން އާސިފަށް ދިން ފުރުސަތުގައި އޭނާގެ ފަރާތުން އެކަމަށް އިންކާރުކޮށް ޖަވާބެއް ހުށަހަޅާފައިނުވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ދީބަނާޒު ފަހުމީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އިބްރާހިމް މާހިރެވެ. ރިޔާސަތަކީ ފަނޑިޔާރު ދީބަނާޒެވެ.

