އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ އެއްވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި މި މަހުގެ ދެވަނަ ދުވަހު އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންނުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކުޑަކުދިންނާ ގުޅޭ ޖިންސީ ކުށުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމުގެ ގޮތުން އެފަދަ ހާދިސާތައް ހިނގާ އަތޮޅާއި ރަށް ފަދަ މައުލޫމާތުތައް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖިންސީ ގޯނާގެ 158 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

