ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި ކަމަށް އެ އޮތޯރިޓީން އިއުލާނުކޮށްފިއެވެ.
އެލްޖީއޭއިން ބުނި ގޮތުގައި މި އިންތިހާބު ފަސްކުރަން ޖެހުނީ، އިންތިހާބާ ގުޅިގެން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުންނެވެ. ނަމަވެސް، އެއީ ކޮން މަސައްކަތްތަކެއް ކަމެއް އެ އޮތޯރިޓީން ތަފްސީލެއް ނުކުރެއެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ، މި އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ.
މި އިންތިހާބަކީ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ މުހިއްމު އިންތިހާބެކެވެ.
އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އިންތިހާބު ކަނޑައެޅިފައިވާ ތާރީހަށް ބޭއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މި އިންތިހާބު ދެން ބާއްވާނެ ތާރީހެއް އެލްޖީއޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

