ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)ގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީތެރިކަން ހޯދަން ”ޕީޖީއޯ 2.0″ގެ ނަމުގައ ހާއްސަ މަޝްރޫއުއެއް އިފްތިތާހުކޮށްފިއެވެ.
ސަރުކާރުގެ މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަޝްރޫއުގެ ދަށުން ޕީޖީ އޮފީހުގެ ”ޕީޖީއޯ 2.0″ މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެެ ރަސްމިއްޔާތުގައި ޕީޖީ އޮފީހުން ތައްޔާރުކުރި ހެއްކާ ބެހޭ ގާނޫނާ ބެހޭ ފޮތް، އެވިޑެންސް: އަ ޕްރެކްޓިޝަނާސް ގައިޑް“ ވަނީ ނެރެފައެވެ. އަދި ޕީޖީ އޮފީހުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދޭ ”އީދޮރާށި“ ޕޯޓަލްއާއެކު އެ އޮފީހުގެ އާ ވެބްސައިޓު ވެސް ވަނީ ލޯންޗުކޮށްފައެވެ.
ޕީޖީއޯ 2.0 މަޝްރޫއުގެ ދަށުން ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ”މަފިނި“އަށް އޭއައިގެ ގާބިލުކަން އިތުރުކޮށް، މައްސަލަތައް ދިރާސާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތަކަށް ހެދުުމަށް ވަނީ އަމާޒު ހިފައިފައެވެ. އަދި އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެއީ ދައުވާކުރުމުގެ ކަންކަން ޗެޓްބޮޓަކާ ހަވާލުކުރުމެއް ނޫން ކަމަށާއި އޭއައި ބޭނުންކުރާނީ ޒިންމާދާރުކަމާއެކު އިންސާނީ ހުކޫމާތު ނެގެހެއްޓޭ ގޮތަށް ކަމަށެވެ. އަދި އޭއައިގެ ބޭނުން ކުރިނަމަވެސް، އެންމެ ފަހު ނިންމިން ނިންމާނީ ޕީޖީ އޮފީހުގެ މުވައްޒަފުން ކަމަށް ބުނެފައިވެއެވެ.
އެ ރަސްމިއްޔާތުގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، ގާނޫނީ އިތުރު ބާރެއް ހޯދުމަށް ނުވަތަ ނިންމުމެއް ނިންމުމަށް އެއްވެސް އޭއައިއެއް ބޭނުންނުކުރާނެ ކަމަށާއި އެއްވެސް ހެއްކެއް ނުވަތަ ހެކި ބަހެއް ތައްޔާރުކުރަން ވެސް އޭއައި ބޭނުންނުކުރާނެ ކަމަށެވެ. އަދި އޭއައި ބޭނުންކުރާނީ ޕީޖީ އޮފީހުގެ ވަކީލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަނި ކަމަށް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، އޭއައިގެ އެހީގައި މައުލޫމާތު ހޯދައި ކަންކަން ދިރާސާކުރިނަމަވެސް، ދައުވާކުރުމުގެ ކަންކަމުގައި ގޮތް ނިންމަން އޭއައި ބޭނުންނުކުރާނެ ކަމަށެވެ. އަދި ކަންކަމުގައި އޭއައިއިން ގޮތް ނުނިންމާނެ ކަމަށާއި ގޮތް ނިންމާނީ އެ އޮފީހުގެ މުވައްޒަފުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ވިދާޅުވިއެވެ.
”މީގެ ބޮޓޮމްލައިނަކީ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އޭއައިގެ އެހީގައި އަޅުގަނޑުމެންނަށް މައުލޫމާތު ހޯދިދާނެ، ކަންކަން ތަރުތީބުކުރެވިދާނެ، ލިޔުންތައް ތައްޔާރުކުރެވިދާނެ ދިރާސާތައް ކުރެވިދާނެ، އެހެންނަމަވެސް، ގޮތް ނިންމާނީ އިންސާނުން. ގޮތް ނިންމާނީ ޕްރޮސެކިއުޓަރުން. ގޮތް ނިންމާނީ ޕްރޮސެކިއުޓާ ޖެނެރަލް. އަޅުގަނޑުމެންނެއް އޭއައިއަކަށް ޑިސިޝަން ނަގާކަށް ފުރުސަތެއް ނުދޭނަން،“ އައްބާސް
އޯޕަން ސޯސް އެއްވެސް އޭއައިއަކަށް ޕީޖީ އޮފީހުގެ ޑޭޓާއެއް ނުލާނެ ކަމަށާއި ހުރިހާ ޑޭޓާއެއް ވެސް ދާނީ ޕީޖީ އޮފީހުން ތައްޔާރުކުރާ އެ އޮފީހުގެ ބާރު ހިނގާ ގޮތަށް ރައްކާތެރިކޮށް ބަލަހައްޓާ ޑޭޓާ ބޭސްއަކަށް ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއު ނިމިގެންދާއިރު، ކޮންމެ ޕްރޮސެކިއުޓަރަކަށް ހާއްސަ، އެ މީހަކާ ގުޅޭ އޭއައި އެސިސްޓެންޓެއް ހުންނާނެ ކަމަށާއި ދެ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި، އެ މަސައްކަތް ފެށުމުގެ ކުރިން އޭއައިއަށް މުވައްޒަފުން ތައްޔާރުވުމާ ގުޅޭ ސާރވޭއެއް ހިންގާފައިވާއިރު، އެ ސާރވޭގައި ގާތްގަނޑަކަށް ހުރިހާ ޕްރޮސެކިއުޓަރުން ވެސް ބައިވެރިވިއެވެ. އެ އޮފީހުގެ 70 އިންސައްތަ މުވައްޒަފުން އެ ސާރވޭގައި ބައިވެރިވިއިރު 81 އިންސައްތަ މުވައްޒަފުން އޭއައި ބޭނުންކުރަން ޝައުގުވެރިކަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެކަމުގެ ޓްރެއިނިންއެއް ލިބިފައިވާ ކަމަށް ބުނެފައިވަނީ 52 އިންސައްތަ މުވައްޒަފުންނެވެ.
އައްބާސް ވިދާޅުވީ، މީހަކު ހުރި ރަށެއްގެ ސަބަބުން އެއްވެސް މީހަކު ހިދުމަތުން މަހުރޫމުނުވާނެ ކަމަށާއި އެ ޕްރޮޖެކްޓު ނިމިގެންދާއިރު އެކަމާ ގުޅޭ ހުރިހާ އިރުޝާދުތަކެއް ދިވެހި ބަހުން އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޕީޖީ އޮފީހުން ވަނީ، އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އެ އޮފީހުން ދައުވާކުރުމަށް ބަލައިގަންނަ ހުރިހާ މައްސަލަތަކުގެ ރަޖިސްޓްރީ ވެބްސައިޓުގައި ޝާއިއުކުރަން ފަށާނެ ކަމަށް ވެސް އިއުލާނުކޮށްފައެވެ.

